Last Updated: February 8, 20:32
Saturday, February 8, 2025
ޚަބަރު

"ރައީސް ޔާމީނެއް ބަތްކައްކާ ނުކުޅޭނެ"

އެއީ "ބަތްކައްކާ ކުޅޭނެ" ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަސްލު ސިފަ ދައްކަވާލައްވައިފި އެވެ.

ދާދި ފަހުން ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް، މި ހަފުތާގައި ރަށުބަންދަށް ދޫކޮށްލެއްވުމުން އިއްޔެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގެ ހަވާސާގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން "ރުޅި މޫނާ" އެކީ ޔާމީން ވިދާޅުވީ "ރައީސް ޔާމީން ބަތްކައްކާ ނުކުޅޭނެ." ކަމަށެވެ.

ވ. އާރަށުގެ މައްސަލާގައި ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނާ ނޫސްވެރިޔާ ކުރި ސުވާލަކީ އެ މަނިކުނު ދެއްވާ ޓެސްޓުން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާސްނުވެއްޖެ ނަމަ ޔާމީން ދެން ކުރައްވާނީ ކީއްތޯ އެވެ.

ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ މުއިއްޒުގެ ސަރުކާރު ފާސްވާނެ ކަމަށް ބަލާނެ އެންމެ މުހިއްމު ދެ ކަމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ބާލައ، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަލުން އިޔާދަކޮށް ދިނުމެވެ.

އެ ވާހަކަތަކާ ގުޅުވައި ނޫސްވެރިޔާއާ ދިމާއަށް އިނގިލި ދިއްކުރައްވައި އަދި ރުންކުރުކޮށް ޔާމީން ވިދާޅުވީ "ކާކު ބުނީ ފާސްނުވާނޭ؟ ކާކު ބުނީ ފާސްނުވާނޭ؟" އެވެ.

"ކަލޭމެން ތިޔަ ސުވާލުކުރޭ މިހާރު ހުރި ރައީސްއާ. ކަލޭމެން ވެސް ފެއާވޭ. ކަލޭމެން ގައުމީ ހައްގުގައި މަސައްކަތްކުރޭ،" ޔާމީން ވިދާޅުވި އެވެ. "އަހަރެމެންގެ ރައީސަށް އެ އޮތީ ބޮޑު ޒިންމާއެއް. އެއީ މި ރައީސް [ރައީސް އިބްރާހީމް މުހައްމަދު ސޯލިހު] ހެދި ގޯހުން. "ރައީސް ޔާމީން އާއި ރައީސް ޔާމީން [ބައިވެރިވާ] ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި."

ޔާމީންގެ މި ވާހަކަތަކާ ގުޅިގެން އޮފީސް ތެރޭގައި ތިބި ސަޕޯޓަރުން އަތްތިލަ ބަޑިޖަހައި، ސާބަސް ދީފައިވެ އެވެ.