ޝަރަފުއްދީން ސްކޫލާއި އިންވެގެން އޮތް އާމީނީ މަގާއި ރަސްގެދަރި މަގު ފުޅާ ކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫސިޓީ ކައުންސިލުން ބަޔަކާއި ހަވާލުކޮށްފިއެވެ.
ސިޓީ ކައުންސިލުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ސަންޝެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 1.19 މިލިއަން ރުފިޔާއަށް 35 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސައްކަތުގެ ދަށުން ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލާއި އިންވެގެން އޮތް އަމީނީ މަގު ސްކޫލުގެ ތެރެއިން ބައެއް ލުމަށް ފަހު ފުޅާ ކުރެވޭނެއެވެ. އަދި އެ ސްކޫލުގެ ހުޅަނގައް އޮތް ރަސްގެދަރި މަގުވެސް ސްކޫލުން ބައެއް ލުމަށް ފަހު ފުޅާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ކުރަނީ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުވެސް މަޝްވަަރާ ކުރެވިގެން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން މިމަގު ބަދަލު ކުރަނީ މިމަގު އެކަށީގެންވާ ވަރަށް ވުރެ ހަނިވުމުން ދުއްވާ ތަކެތެކީގައި ސްކޫލަށް އަންނަ ބެލެނިވެރިންނާއި ކުދިންނަށް އެކަމުގެ ދައްޗާއި ކުރިމަތިލާން ޖެހޭތީއެވެ. އަދި އަލަށް އެ ސްކޫލުގައި އިމާރާތް ކުރެވެނު ކްލާސްބަރި ދިރާސީ އައު އަހަރާއި އެކު ބޭނުން ކުރަން ފެށުމާއިއެކު ސްކޫލުގެ ހުޅަނގު ފަރާތުގެ ގޭޓު ބޭނުން ކުރުމަށް އެ ސްކޫލުން ނިންމާފައިވާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ފާރު (އަމީނީ މަގާއި ރަސްގެދަރި މަގަށްވާ) ތަޅާލައި އަލުން ރޭނުމުގެ މަސައްކަތް ކުރުމަށްޓަކައި، އައްޑޫސިޓީ ކައުންސިލް އާއި، ސަންޝެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން. pic.twitter.com/3d3NSZd0b4
— Addu City Council (@AdduCityCouncil) October 31, 2023
ކައުންސިލުން ނިންމާފައިވާ ގޮތުން އަމީނީ މަގުގެ ޝަރަފުއްދީން ސްކޫލު ސަރަހައްދުގެ ފުޅާމިނަށް 6 ފޫޓު އިތުރުވާނެއެވެ. އެ މަގުގެ މިހާރުގެ ފުޅާމިނަކީ 17 ފޫޓެވެ. ރަސްގެދަރި މަގުގެ ހަނިކޮށް އޮތް ބައިގެ ފުޅާ މިނަކީ 15 ފޫޓެވެ. މިމަގަށް 7 ފޫޓު އިތުރުވާނެ ކަމަށް ކައުންސިލުން ބުނެއެވެ. މި ބަދަލާއެކު މި ދެމަގުންވެސް ވެހިކަލްތަކަށް ދަތިކަމެއް ނެތި ދަތުރު ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިމަސައްކަތް ކައުންސިލުން ކުންފުންޏާކާއި ހަވާލުކޮށްފައިވާއިރު، ކައުންސިލުން މަގު ފުޅާ ކުރުމަށް ނިންމީ ކައުންސިލުގެ ރަސްމީ ޖަލްސާއަކުން މިދިޔަ ޖުލައި މަހުއެވެ.