ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާ އާދީއްތަ ދުވަހަށްވެސް އެޖެންޑާ ކޮށްފިއެވެ.
އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކަންޏެވެ.
އެމްޑީޕީގެ 49 މެންބަރަކު ސޮއި ކުރައްވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް މި ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން މަޖިލީހުގެ އިދާރާއިން މަސައްކަތް ކޮށްފައިވެއެވެ.
އެހެންނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންދެވިފައިނުވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޑެންގޫ ހުން ޖެހިވަޑައިގެން އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގެ މަސައްކަތް ކުރިއަށް ނުދާތީ އެމްޑީޕީގެ ފަރާތުން ވަނީ އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ހޯމަ ދުވަހަށް ތާވަލުކޮށްފައެވެ.