މިއަހަރުގެ ފުރަތަމަ ކުއާޓާގެ ފަހުން، އަހަރުގެ މިހާތަނަށް ފެނަކައަށް އެކަނި 747 މުވައްޒަފުން އިތުރު ވެފައިވާ ކަމަށް އިންތިޤާލީ ކޮމެޓީތަކާއި ހަވާލާދީ އިންތިހާބީ ރައީސް އޮފީހުން ހާމަކޮށްފިއެވެ.
އިންތިހާބީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިއަދު 4 ޔުޓިލިޓީސް ކުންފުންޏަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މީޑިއާއަަށް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ އޮފީހުން މިއަދު މައުލޫމާތު ހާމަކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ކަންބޮޑުވާ އެއް ކުންފުންޏަކީ ފެނަކަ ކުންފުންޏެވެ. އެކުންފުނީގެ ދަރަނި ބޮޑު ހިންގުމުގެ ޙަރަދު އެތައް ގުނައަކަށް އުފުލިފައިވާ އިރު އިންތިޤާލީ ކޮމެޓީއަށް ފާހަގަ ކުރެވުނު ބައެއް ކަންކަން ވަނީ ހިއްސާކޮށްފައެވެ.
މިގޮތުން ކުންފުނީގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅޭގޮތުން އާންމު ކުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނީގައި ތިބީ 2756 މުވައްޒަފުންނެވެ. މި މުވައްޒަފުންގެ މުސާރައަށް ޙަރަދުވީ މަހަކު 23 މިލިއަން ރުފިޔާކަމަށް އެ އޮފީހުން ބުނެއެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް އައިއުރު 8126 މުވައްޒަފުން ތިބި އިރު މިހާރު މަހަކު 82 މިލިއަން ރުފިޔާ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ޙަރަދުވެއެވެ.
"ކުރިން ބިލް ތައްޔާރު ކުރުމާއި ގޭގެއަށް ބިލްތަޔާރުކޮށްދޭ ގޮތް މިހާރު ވަރަށް ބޮޑަށް ލުއިފަސޭހަވެފައި ހުރީ. އެ ލުއިފަސޭހަކަން ލިބިގެން ދިޔައިރު ކުރިން އެ މަސައްކަތް ކުރަން ވަކި ބްރާންޗެއްގެ 7 މުވައްޒަފުން ތިބޭ ކަމަށްވާނަމަ، މިއަދު އެއަދަދު 40 އާއި ގާތްކުރާ އަދަދަށް ހުރިކަން ފާހަގަ ކުރެވިފައި ހުރީ. " ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރު މާރިޗުގެ ނިޔަލަށް ޕީސީބީން އާންމުކޮށްފައިވާ ރިޕޯޓަށް ބަލައި މުވައްޒަފުންގެ އަދަދު މާރިޗުން ފެށިން 747 އިން އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ފާހަގަ ކުރެއްވިއެވެ.
ފިރުޒުލް ވަނީ އިންތިހާބީ ރައީސް ސަރުކާރާއި ހަވާލުވުމުން މިފަދަ ކުންފުނިތަކުގެ ހިއުމަން ރިސޯސް އޮޑިޓެއް ހަދައި އެ މުވައްޒަފުންގެ ކަންކަމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއްވެސް މުވައްޒަފަކަށް ދެރައެއް ލިބޭނެ ގޮތަށް ކަންކަން ނުކުރައްވާނެ ކަމުގެ ޔަޤީންކަން ފިރުޒުލް ވަނީ ޑރ. މުޢިއްޒުގެ ވަޢުދުތަކާއި ހަވާލާދީ ވިދާޅުވެފައެވެ.
ފެނަކަ ކުންފުނީގެ ދަރަނިތަކުގެ ބައެއް ހިސާބުތައް މި ބައްދަލުވުމުގައި ފިރުޒުލް ވަނީ ހާމަކުރައްވާފައެވެ.
- ޖުމްލަ ދަރަނީ (2022) ނިޔަލަށް: 4.1 ބިލިއަން ރުފިޔާ
- ހަމަ އެކަނި ސަޕްލަޔަރުންނަށް: 3.2 ބިލިޔަން ރުފިޔާ
- ލޯނުތަކަށް: 901 މިލިއަން ރުފިޔާ
- ފައިސާ ނުދެވި ވާ ކުންފުނިތަކުގެ އަދަދު : 1149
ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ފެނަކައަކީ ކުންފުނީގެ އާމްދަނީއާއި ޙަރަދުތަކަށް ބަލާއި އެންމެ ދަރަނި ބޮޑު ކުންފުންޏެކެވެ. އެގޮތުން ކުންފުނީގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ކުންފުނީގެ އިދާރީ ހިންގުމުގައި ބޮޑެތި މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ ބަޖެޓް ފާސް ކުރާއިރު ޑެފިސިޓް ހިމަނާ ކަމަށާއި ނަމަވެސް ޑެފިސިޓް ފައިނޭންސް ކުރާގޮތެއް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.
އަދި މިފަދަ ސިޔާސަތުތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުންޏަށް ހަރަދު ކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވިއެވެ.