ޕީޕީއެމް/ޕީއެމްސީގެ ޓީމެއް އައްޑު އަށް ވަޑައިގެން ދެ ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެ ހަވީރު އައްޑު އަށް ޓީމުގައި ހިމެނެނީ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމުގެ އިތުރުން އެ ޕާޓީ އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ގެ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި އޭދަފުށީ ދާއިރާގެ މެންބަރު މުހައްމަދު ސަލީމުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގް (ޓޮމް) އެވެ.
މި ޓީމު އައްޑު އަށް ކުރައްވާ ދަތުރުގައި ކޯލިޝަންގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ދެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ހޯދަން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރުންނާ މަޝްވަރާކޮށް ހިޔާލު ހޯދާނެ އެވެ.
އައްޑު އަކީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ގޮނޑިއެއް އިތުރު ވެސް ވި ސިޓީއެކެވެ.
ޕީޕީއެމް/ޕީއެންސީގެ ޓީމުން އައްޑު އަށް ކުރާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ޒިޔާރަތްކުރާނެ އެވެ. އައްޑު އަށް ދަތުރއް ފެށި އިރު، ފީއެންސީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީއެންސީގެ މެންބަރުންގެ އަދަދު 10،000 އަށް ޖެއްސުމެވެ.
މި ދަތުރާ ގުޅޭ ގޮތުން އަދުރޭ އިއްޔެ ވިދާޅުވީ މި މަހުގެ 17 ގައި ހުވާކުރައްވަން ހަމަޖެހިފައިވާ މުއިއްޒު ވެސް އެދިވަޑައިގަންނަވަނީ ވީހާ ވެސް އަވަހަކަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ރައްޔިތުން މަސައްކަތްކޮށް ދިނުން ކަމަށެވެ.