Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

އާންމުންގެ މިހާރު ފުލުހުންނަށް އިތުބާރު ކުރޭ

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ދާއިރާ ހަރުދަނާކޮށް، ރަނގަޅުކުރަން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އެ މުއައްސަސާ އަށް އާންމުން މިހާރު އިތުބާރުކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 11 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވަން ނިންމަވާފައިވާ ސީޕީ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުށްމ މަދުކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މަގުމަތީގައި ހިނގާ ގްރޫޕް މާރާމާރީތައް މަދުކުރުމަށް ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ޕްލޭންތައް އެކުލަވާލައިގެން ފާއިތުވި މުއްދަތުގެ ތެރޭގައި ގިނަ މަސަައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އޮޕަރޭޝަންތަކުގައި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކުރުން އިތުރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އެގޮތުން ބޮޑީ ވޯން ކެމެރާ ފަދަ އާލާތްތައް ބޭނުންކުރުމާއި އައްޑޫގައި މިދިޔަ އަހަރު ހުޅުވި ޕޮލިސް ކޮލެޖާ އެކީ ލިބުނު ކުރިއެރުންތަކަކީ ވެސް ފުލުހުންގެ ދާއިރާގެ ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

މި ވަގުތު އޮސްޓްރޭލިއާގައި ހުންނެވި ސީޕީ ހަމީދު ވިދާޅުވީ ކުރިއަށް އޮތް ތަުނުގައި ފުލުހުންގެ އިދާރާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް އެ މަސައްކަތްތައްކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ކުރަންވާނެ ކަމަށެވެ. އަދި އެކަމަށް އާ ސަރުކާރާ އެކީ އެކަމަށް އުންމީދު ވެސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތްތައް އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރާ އިތުބާރާއި ޔަގީންކަން ވަނީ ބޮޑުވެފައި،" ސީޕީ ވިދާޅުވި އެވެ. "ކުރިއަށް އޮތްތަނުގައި ވެސް އާންމުންގެ އިތުބާރު ދެމެހެއްޓުމަށް އެ މަސަައްކަތްތައް އެގޮތަށް ކުރަންޖެހޭ."

ސީޕީ ވިދާޅުވި ގޮތުގައި ފުލުހުންގެ 2019-2024 ގެ ސްޓްރެޓެޖިކް ޕްލޭންގެ ގިނަ އަމާޒުތަކެއް ފާއިތުވި ތަނުގައި ހާސިލުކުރެވުނު ކަމަށެވެ.