ފައިސާ ނުދެއްކުމުން ކައުންސިލުން އެއްވެސް ޚިދުމަތެއް ނުދިނުމަށް ނިންމި ނިންމުން ބާތިލް ކުރުމަށް ވ. ފެލިދޫ ކައުންސިލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އަންގައިފިއެވެ.
އެޗްއާރްސީއެމުން މިހެން އަންގާފައި މިވަނީ ވ.ފެލިދޫ ކައުންސިލުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އިއުލާނަކާއި ގުޅުވައެއެވެ. އެގޮތުން އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާތީ، ކައުންސިލުގެ އާމްދަނީއަށް ލިބެން ޖެހޭ އެ ފައިސާ ނުދައްކާ ފަރާތްތަކާއި، އަނބިންނާއި، ފިރިން އަދި ދަރިންނަށް ކައުންސިލުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެއްވެސް ރައްޔިތެއްގެ އަސާސީ ހައްޤެއް ހިފެހެއްޓެނީ އެކަމަށް ޤާނޫނު އަސާސީއާއި ޤާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެގޮތުން އިދާރީ ދައިރާތައް ހިންގުމުގެ ޤާނޫނުގައި ކައުންސިލުތަކުން ދޭ އެއްވެސް ޚިދުމަތެއް ހިފެހެއްޓޭނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން އެހެން އެއްވެސް ޤާނޫނަކުންވެސް މިފަދަ ޚިދުމަތެއް ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
މިއާއެކު ކައުންސިލުގެ ނިންމުމަކީ ޤާނޫނުން ބާރު ލިބިދޭ ނިންމުމެއް ނޫން ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކާއި ޢައިލާއަށް ޚިދުމަތް ނުދޭން ނިންމުމަކީ ކޮމިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކޮމިޝަނަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އީއްޔެ މި ނިންމުން ބާތިލް ކުރުމަށް ފެލިދޫ ކައުންސިލަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމުން ބުނީ، ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ އިދާރާތަކަށް ވާއިރު، އެ ނިންމުންތައް ވާން ޖެހޭނީ އެ މަޤްޞަދު ހާސިލްވާ ނިންމުންތަކަށް ކަމަށް އެކޮމިޝަނުން ފާހަގަ ކުރެއެވެ.
އެޗްއާރްސީއެމުން ވަނީ ކައުންސިލުތަކުން ނިންމާ މިފަދަ ނިންމުންތަކަކީ އިންސާނީ ހައްޤުތަކަށް އިހުތިރާމް ކުރާ އަދި ހައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި ޤާނޫނާއި ޤާވައިދުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ހައްޤަކަށް އުނިކަން ނާންނަ ނިންމުމެއް ކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ.