ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކުގެ ތެރެއިން 100 ފްލެޓް ކަސްޓަމްސް އަށް ދިނުމަށް ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ޔަޤީންކޮށް ދީފި އެވެ.
ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަނީ ކަސްޓަމްސްއަށް 100 ފްލެޓް ދިނުމަށް ނިންމާފައިވާކަން ޔަޤީންކޮށްދީފައެވެ. މިކަމަށް ބޭނުންވާ ކަސްޓަމްސް މުވައްޒަފުންގެ މައުލޫމާތު އެއްކޮށް އިވެލުއޭޝަން ހެދުމަށް ފަހު މިހާރު ހައުސިންގް މިނިސްޓްރީއަށް ވަނީ ލިސްޓު ވެސް ފޮނުވާފައެވެ.
މިދިޔަ އަހަރު ބޭއްވި ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް، ވަނީ އެހެން މުޢައްސަސާތަކުގެ މުވައްޒަފުންނެކޭ އެއްގޮތަށް ކަސްޓަމްސް މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާކަން ފާހަގަކޮށްފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކުގެ މަޝްރޫޢުގެ ތެރެއިން ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް މިހާރު ވަނީ އާންމުކޮޮށްފައެވެ. މީގެ ތެރެއިން ފްލެޓު ދިނުމަށް ނިންމާފައިވަނީ ޕޮއިންޓުގެ ގޮތުން ވަކި ވަރެއް ލިބިފައިވާ ފަރާތްތަކަށެވެ. އެއީ މިހާރު މަސައްކަތް ކުރަމުން ނިންމަމުންދާ 4000 ފްލެޓެވެ.
ނަމަވެސް މި ފްލެޓުތަކުގެ ޕޮއިންޓް ލިބުނު ގޮތާއި މެދު ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން އޮތްއިރު މިމައްސަލައިގައި އޭސީސީން ވަނީ ހައުންސިން މިނިސްޓްރީއަށް ވަދެފައެވެ. މީގެ އިތުރުން ފްލެޓުތަކުގެ ގުރުލުން ޝަކުވާތަކަށް ޖަވާބުދާރީ ނުވެ ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ.
ހައުސިންގް މިނިސްޓްރީން ވަނީ ހިތްހަމަ ނުޖެހުން އޮތް ފަރާތްތަކުން ދައިމީ ލިސްޓަށް ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް މިހާރު މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.