Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ފްލެޓްތައް ހަވާލުކުރަން އައު ސަރުކާރަށް ޖާގަ ދޭން އެދިއްޖެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ނުކޮށް އައު ސަރުކާރަށް ރަނގަޅަށް އެކަން ކުރުމަށް ޖާގަ ދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެއޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޙަލީލް ވިދާޅުވީ ފްލެޓުތަކާއި ގުޅޭގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރިކަން މީސް މީޑިއާގެ ޒަރީއްޔާއިން އަދި ސީދާ އެއޮފީހަށް ލިބިފައިވާ ޝަކުވާތަކުން އެނގޭ ކަމަށެވެ. އަދި މިކަމުގައި މަޑުޖައްސާލަން އޭސީސީން އަނގާފައިވާކަން ފިރުޒުލް ފާހަގަ ކުރައްވާ ވިދާޅުވީ، އިންތިހާބީ ރައީސްގެ ސްޓޭންޑަކީވެސް އެއީ ކަމަށެވެ. އަދި އެސީސީގެ ލަފައެއް އޮތުމާއެކު އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ މުޅި ޕްރޮސެސްއަށް އިތުބާރު ގެއްލޭނެ ފަދަަ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

" އަދި އައު ސަރުކާރު ހަވާލުވުމަށް 9 ވަރަކަށް ދުވަސް އޮތް އިރު މި ކުރު މުއްދަތުގެ ތެރޭގައި ފްލެޓުގެ ލިއުން ނުވަތަ ފްލެޓް ހަވާލުކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލާ އައު ސަރުކާރަށް އެކަން ރަނގަޅަށް ކުރެއްވުމަށް ޖާގަ ދެއްވުން، އެއީ އިންތިހާބީ ރައީސްގެ ގޮވާލެއްވުން އަދި އެދިވަޑައިގަތުން. " ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ އިންތިހާބީ ރައީސްގެ މި އެދުމާއެކު ކުރިންވެސް ފާހަގަ ކޮށްފައިވާ ގޮތަށް އެއްވެސް ފަރާތަކަށް ސަރުކާރަކުން ދޭން ކަނޑައަޅާފައިވާ އެއްޗެއް އަތުނުލައްވާނެ ކަމުގެ ޔަޤީންކަން އިންތިހާބީ ރައީސް ދެއްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލިސްޓަކުން ނުވަތަ ލިއުމަކުންވިއަސް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަންކަމަށް "އޮނަރ" ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މިހާރު ލިބެމުންދާ ޝަކުވާތަކަށް ބަލާއިރު ނާއިންސާފުން، ނުޤަވާއިދުން ކަންކަން ހާސިލްކޮށްދޭން މަސައްކަތް ކޮށްފައި ހުރިކަމުގެ ޝަކުވާތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ޖުމްލަގޮތެއްގައި އެއްވެސް އެއްޗެއް އަތު ނުލެއްވި ކަމުގައިވިއަސް، ހަޤީޤަތުގައިވެސް އުސޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިފަޔަވަޅު އެޅޭނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި ޤާނޫނީ ނިޒާމުގެ ތެރެއިން އުފެދިފައި ހުރި މުޢައްސަސާތަކުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ތެރެއިން ކަންކަން ނިމުމަކަށް ގެނެސް ރައްޔިތުންނަށް އެކަންކަމުގެ ފަސޭހަތައް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.