Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު ސާފެއް ނޫން: ފިރުޒުލް

އިންތިހާބީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ފިރުޒުލް / ފޮޯޓޯ: އިންތިހާބީ ރައީސް އޮފީސް

އިންތިޤާލީ ކޮމެޓީތަކުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑީއާ ސިފައިން ރާއްޖޭގެ ތިބި އަދަދު ސާފުވެފައިވާވޭތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ސަރުކާރުގެ އެކި އިދާރާތަކުން އެއްކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބިކަން ސާފުވާ ކަމަށެވެ.

އެގޮތުން އިންތިހާބީ ރައީސް އިންތިހާބަށް ފަހު އިންޑިއާ ސަފީރާއި ބައްދަލު ކުރެއްވި ކަމާށާއި، އޭގެ އިތުރަށް އިންތިޤާލީ ކޮމެޓީތަކުން އިދާރާތަކަށް ގޮސް މައުލޫމާތު އެއްކުރުމުން ދިވެހި ސަރުކާރުންވެސް އެކަން ކަށަވަރު ކޮށްދޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

"މީގައި ދެކަމަށް ފާހަގަ ކުރެވޭ. ޖުމްލަ ގޮތެއްގައި ކުރިންވެސް ސަރުކާރުން ފާހަގަ ކުރަމުން އައި އަދަދުތަކެއް ހުރި. އެވެނި އަދަދެކޭ، މިވެނި އަދަދެކޭ. އަދި އެކި ދިމާ ދިމާލުން ފާހަގަވެފައި ހުރި އަދަދުތަކެއް ވެސް ހުރި. މިކަން އަޅުގަނޑުމެން ކްރޮސް ޗެކްކޮށް ވެރިފައި ކުރަން ޖެހޭ. ޔަޤީންވާ ކަމަކީ، އިންޑިއާ ސިފައިންގެ ބޭކަލުން ދިވެހި ފަސްގަނޑުގައި ތިއްބެވި ކަމަށް މަސައްކަތް ކުރުމަށް ސްޓޭޝަން ވެގެން " ފިރުޒުލް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ، އަދަދާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި ވަކި އިދާރާއެއް ފާހަގަ ނުކޮށް އިންޑިއާ ހައިކޮމިޝަން ހިމެނޭހެން ހުރިހާ އިދާރާއަކުންވެސް އެކަށީގެންވާ މައުލޫމާތު ނުލިބޭ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ދަނީ ރާއްޖޭގައި އަސްކަރީ ބޭނުމެއްގައި އެއްވެސް ޤައުމެއްގެ ސިފައި ހަރަކާތްތެރި ނުވާ ކަމަށް ބުނަމުންނެވެ. އަދި ހަރަކާތްތެރިވާ ސިފައިންގެ އަދަދުވެސް ސަރުކާރުން ހާމަކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް އަލަށް އިންތިހާބުވި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެމްޕެއިން ތެރޭގައިވި އެންމެ މުހިންމު އެއް ވަޢުދަކީ މި ސަރުކާރުން ސިއްރު ކުރާ އެއްބަސްވުންތަކާއި އަދި އިންޑިއާ ސިފައިންގެ އަދަދު އާންމު ކުރާނެ ކަމުގައެވެ.