މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފި އެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ، ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއްވުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގަ އެވެ.
ރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ޤައުމީ ފެންވަރެއްގައި އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމުގަ އެވެ. އެހެންނަމަވެސް މި ސަރުކާރުން ސަގާފީ ތަރިކައިގެ ޤާނޫނު ތަސްދީޤުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ، ސެޕްޓެންބަރު 12 ވަނަ ދުވަސް ރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ވުޖޫދަށް އައި ތާރިޚް، ރާއްޖޭގެ ޤައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާގޮތްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ކަމަށްވެސް ވިދާޅުވި އެވެ.
ޤައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، އަދި ތަރިކައާމެދު ޝައުޤުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ޚާއްސަ ޤައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވި އެވެ.