Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

މިފްކޯގެ އިތުރު ބޯޓެއް ރާއްޖެ އައުމުގެ މަގުމަތީގައި

ޖަޒީރާ 106 ބޯޓު ތައިލޭންޑުން ފުރައިފި / ފޮޓޯ: މިފްކޯ

މިއަހަރު މިފްކޯ ފްލީޓަށް އިތުރު ކުރުމަށް ގަތް 4 ބޯޓުގެ ތެރެއިން 2 ވަނަ ބޯޓު ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނީ، ޖަޒީރާ 106 މި ބޯޓު ރާއްޖެ އައުމަށް މިމަހުގެ 4 ވަނަ ދުވަހު ތައިލޭންޑުން ފުރާފައިވާ ކަމަށެވެ. އަދި މި ބޯޓު ނޮވެމްބަރު 19 ވަނަ ދުވަހު ރާއްޖެއަށް ބަނދަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން ބާކީ ދެ ބޯޓު ކަމުގައިވާ ޖަޒީރާ 105 އަދި 104 މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ޖަޒީރާ ސީރީޒްގެ މި ބޯޓުތަކަކީ، ޖުމްލަ 60 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ އަދި 200 ޓަނުގެ މަސް ރައްކާ ކުރެވޭ ކަލެކްޓަރ ވެސަލް ތަކެކެވެ. މިފްކޯއިން ރާއްޖެ ގެންނަ މި ތިން ބޯޓާއެކު މިފްކޯގެ މަސް ގަތުމުގެ ޤާބިލީއްޔަތުކަން ދުވާލަކު 180 ޓަނުން އިތުރު ވެގެން ދާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިކަމުގެ މޫސުމުގައި މިފްކޯއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މަސް ގަތުމުގެ ކެޕޭސިޓީ ދަށްވުމެވެ. ބައެއް ފަހަރު ދޯނިތައް މިފްކޯ ފެސިލިޓީގައި ކިއުގައި ތިބޭއިރު، ގިނަ އިރުތަކެއް ވުމުން މަހުގެ ކޮލިޓީ ގެއްލި މަސް ނުކިރި ދިޔަ ފަހަރުވެސް އައިސްފައިވެއެވެ.


މިކަން ހައްލު ކުރަން މިފްކޯ ފްލީޓަށް އިތުރު 4 ބޯޓު މިއަހަރު ގަނެފައިވާއިރު، މީގެއިން ފުރަތަމަ ބޯޓު ޖަޒީރާ 103 މިއަހަރު މާރިޗު މަހު ވަނީ ގެނެސްފައެވެ. މި ބޯޓުގައި 120 ޓަނުގެ ބްރައިން ފްރީޒް ކެޕޭސިޓީ ހުރިއިރު، ޖުމްލަ 420 ޓަނުގެ މަސް ރައްކާ ކުރެވެއެވެ. މި ބޯޓު ބޮޑަށް ބޭނުން ކުރަނީ ދެކުނުގެ މަސްވެރިކަމުގައެވެ.

މިފްކޯއިން ބުނީ، މިިދިޔަ ފަސް އަހަރު ތެރޭ ޖުމްލަ 6 ބޯޓު މިފްކޯގެ ފްލީޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ކޫއްޑޫ މަސް ގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި މުޅިން އަލަށް ޤާއިމް ކުރެވޭ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީ ކުރަން ބޭނުންވާ ސާމާނު ސައިޓަށް ގެންދެވިފައިވާއިރު، މިތަނަކީ 120 ޓަން ޝިފްޓަކު ފްރީޒް ކުރެވޭ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރެވިފައިވާ ތަނެކެވެ.

މިފްކޯއިން ޤަބޫލު ކުރާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މިހާރު ގެންނަ ތިން ބޯޓު ފްލީޓާއި ގުޅުމުން މަސްވެރިކަމުގެ މޫސުމުގައި ދިމާވާ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެއެވެ.