ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ވެސް ކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަންނަ އަހަރުގެ މަލިޖިސް އިިންތިހާބުގައި ވާދަކުރައްވައިފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީގެ ޗެއާޕާސަން ވިދާޅުވެފައި ވަނީ ވާދަކުރެއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެކަމަކު އެފަދަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އޭގެ ބޭނުން ހިފާނެކަމުގެ އިޝާރާތެއް އޭނަ ވަނީ ދެއްވައިފަ އެވެ.
އަދުރޭ ވިދާޅުވެފައި ވަނީ ޕީޕީއެމް/ޕީއެންސީގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށެވެ. އެހެންވެ މަޖިލީހުގެ ރައީސްކަން އެ ކޯލިޝަނަށް ލިބޭ ހާލަތުގައި މަލީހުގެ ރައިސްކަމަށް ކުރިމަތިލާ ނުލާންވީ ސަބަބެއް ވެސް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ. އެހެންވެ މަޖިލީހަށް އަދުރޭ ވާދަކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އަދުރޭ އަކީ ކުރިން ފޮނަދޫ ދާއިރާގެ މެންބަރެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވެސް އޭނަ އެ ދާއިރާ އަށް ވާދަކުރެއްވި އެވެ. އެކަމަކު ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މޫސާ ސިރާޖެވެ. އޭނަ ދާދި ފަހުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
އަންނަ އަހަރުގެ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވެ އެވެ.
އަދުރޭ ނިސްބަތްވާ ޕާޓީ، ޕީއެންސީ އަކީ މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރައްވަން ތައްޔާރުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވެސް ނިސްބަތްވާ ޕާޓީ އެވެ.