އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ޔޫއޭއީއަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ވެލާނާ އެއާޕޯޓުގެ މަސައްކަތް ނިންމަން އަބޫދާބީ ފަންޑުން 1.2 ބިލިއަން ރުފިޔާ ހަމަޖެހޭނެ ކަމުގެ ޔަޤީންކަން ހޯއްދަވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ފާހަގަކޮށްފައެވެ.
މިއަދު އިންތިހާބީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މުޢިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ބައެއް ތަފްސީލު ވަނީ އާންމު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ދަތުރުފުޅުގައި، އަބޫދާބީ ފަންޑު ނުވަތަ އޭޑީއެފްޑީގެ އިސްވެރިންނާއި، އަދި ޔޫއޭއީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރެވުނުކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އިންތިހާބީ ރައީސް ސީދާ ބައްދަލު ކުރެއްވީ ކޮން ބޭފުޅުންނަކާއި ކަމެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.
މިގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވެލާނާ އެއާޕޯޓު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދިޔަކަން އިންތިހާބީ ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. މިމަޝްރޫޢުއަށް ލަސްވެ މި ސަރުކާރުން ގެނައި ބައެއް ބަދަލުތަކާއި އެކު މަޝްރޫޢު ނިންމަން 79.80 މިލިއަން ޑޮލަރު އިތުރަށް ބޭނުންވާ ކަމަށް އެއޮފީހުގެ ތަރުޖަމާނު ފިރުޒުލް މިއަދު ވަނީ ހާމަކޮށްފައެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސްގެ ވަޢުދުފުޅުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ އިޤްތިޞާދު ކޮޅަށް ޖެހުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމުން ކަމަށެވެ. އަދި މިކަމަށް މިހާރު ޔޫއޭއީ ސަރުކާރުން ވަނީ އަބޫދާބީ ފަންޑުން ފައިސާ ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
" އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް އިން 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި. މިފައިސާ ހަމަޖެހިގެން ދިއުމާއެކު އެއާޕޯޓް މަޝްރޫޢު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ" ފިރުޒުލް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ވަނީ ދާދި ފަހުން ވެލާނާ އެއާޕޯޓު މިއަންނަ އަހަރު ޕީކް ސީޒަން އަންނަންވާއިރު ނިންމަން ގަސްތުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. ފިރުޒުލް ވިދާޅުވީ މި ފައިސާ ހަމަޖެހުމާއެކު މި އަމާޒު ހާސިލް ކުރެވޭނެ ކަމުގެ ޔަޤީންކަން މިހާރު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ވެލާނާ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢުއަކީ އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ. މިއީ ރައީސް ޔާމީން ސަރުކާރުގައި ފަށާފައިވާ މަޝްރޫޢުއެކެވެ. މިމަޝްޜޫޢުއަށް 4 ފަރާތަކުން ލޯން ނަގާފައިވާއިރު މިއީ 5 ބިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެއީ ކުވެއިތް ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ އިންނެވެ.
މިމަޝްރޫޢު ނިންމުމަށް ބޭނުންވާ 100 މިލިއަން ޑޮލަރު ހަމަޖެއްސުމަށް ސައުދީ ސަރުކާރުންވެސް ޔަޤީންކަން ލިބިފައިވާ ކަމަށް މިސަރުކާރުން މިދިޔަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ.