Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

ފަލަސްތީނަށް އެހީވާން މީދޫން 80،000ރ.

ފަލަސްތީނަށް އެހީވާން އައްޑޫ މީދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ތަފާތު އެކި ހަރަކާތްތަކުން ލިބުނު 80،000 އަށް ވުރެ ގިނަ ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފި އެވެ.

އެ ފައިސާ އިއްޔެ އެތަނުގެ އެކައުންޓަށް ޖަމާކޮށް ދީފައިވާ އިރު، އެހީގެ ޖުމްލަ އަދަދަކީ 80،314.65ރ. އެވެ.

މީގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ 27 އިން މި މަހުގެ 4 އަށް ބޭއްވި އެކި ހަރަކާތްތަކުން ލިބުނު ފައިސާ އެވެ. މި ފައިސާގެ ތަފުސީލު ވެސް މީދޫ އަވަށު އޮފީހުން ހިއްސާކޮށްފައިވެ އެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ފޭދޫ އަވަށު އޮފީހުން ބޭއްވި އިވެންޓަކުން ލިބުނު 50،000 އަށް ވުރެ ގިނަ ފައިސާ ދުވެހި ރެޑް ކްރެސެންޓާ ހަވާލުކޮށްފައިވެ އެވެ.

ފަލަސްތީނަށް އެހީވާން އައްޑޫގައި އަންނަނީ ތަފާތު އެކި ހަރަކާތްތައް އެކި ފެންވަރުގައި ބާއްވަމުންނެވެ. އެގޮތުން އައިއޭސީން ހުޅުވާފައިވާ ފަންޑަށް ފައިސާ ހޯދަން އެކި ތަންތަނުގައި މިހާތު ވެސް ފަންޑް ފޮށި ބަހައްޓާފައިވެ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލެވިފައިވާ ކަމަށެވެ.