ފެން ނެގޭ ވަރަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން، ވާރޭ ފެނުގެ ދަތިކަން ބައެއް ފަރާތްތަކަށް ކުރިމަތިވެ އައްޑޫން މިނެރަލް ވޯޓާ ލިބުން ވެސް ދަތިވެއްޖެ އެވެ.
އައްޑު އަށް އެެންމެ ފަހުން ވާރޭ ވެހުނީ މިދިޔަ ހުކުރު ދުވަހު އެވެ. ދެ ގަޑިއެއްހާ އިރަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެފައި ހުރުމުން ފުރާޅުތައް ސާފު ނުވެ ހުރުމުން ގިނަ ބަޔަކަށް އެ ދުވަހު ފެން ނެގޭ ގޮތެއްް ނުވި އެވެ.
ގިނަ ގޭބިސީތަކާއި އާންމު ތާންގީ ބަރިތަކުން ވެސް ވާރޭ ފެން އެއްކޮށް މިހާރު ވަނީ ހުސްވާން ކައިރިވެފަ އެވެ.
އެހެންވެ ވާރޭ ފެނުގެ ދަތިކަން ކުރިމަތިވުމާ އެކު، މިނެރަލް ވޯޓާގެ ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެކަމަކު މިހާރު މިނެރަލް ވޯޓާ ލިބުން ވެސް ދަތިވެފައިވާ ކަމަށް ބައެއް އާންމުން ބުންޏެވެ.
އެގޮތުން ގިނަ ފިހާރަތަކުން މިހާރު ފަސް ލީޓަރުގެ ފުޅި އާއި 1.5 ލީޓަރުގެ ފުޅި ވެސް ނުލިބޭ ކަމަށް ބައެއް މީހުން ބުންޏެވެ.
އައްޑޫގެ ބައެއް އަވަށްތަކުގެ ފިހާރަތަކުން "އައްޑޫ ލައިވް" އަށް ބުނި ގޮތުގައި މިނެރަލް ވޯޓާ ފަސް ލިޓަރުގެ ފުޅި މީގެ ދެ ހަފުތާ ކުރިން ވަނީ ގާތްގަނޑަށް ހުސްވެފަ އެވެ. އަދި 1.5 ލިޓަރުގެ ފުޅި ވެސް ލިބުން ދަތިވެފައިވާ ކަމަށް ފިހާރަތަކުން ބުންޏެވެ.
"ބޮޑެތި ސައިޒްގެ ފުޅި ގަންނަން ކަސްޓަމަރުން މި ދުވަސްކޮޅު އަންނަނީ. އެކަމަކު ސަޕްލައި ނެތީމަ ވަރަށް ދަތި،" ފޭދޫގެ ފިހާރައަކުން ބުންޏެވެ.
އައްޑު އަށް މިނެރަލް ވޯޓާ ސަޕްލައި ކުރަނީ ތިން ކުންފުންޏަކުންނެވެ.
އެއީ "ތާޒާ" ސަޕްލައި ކުރާ އެސްޓީއޯ އާއި "ލައިފް" ސަޕްލައި ކުރާ ހެޕީ މާކެޓްގެ އިތުރުން "ބޮނަކުއާ" ސަޕްލައި ކުރާ ކޮކަ ކޯލާ އެވެ.
އެ ތިން ކުފުނިން ވެސް ބުނީ ފަސް ލިޓަރުގެ ފުޅި އެއްކޮށް ހުސްވެ، 1.5 ލީޓަރުގެ ފުޅި ވެސް އައްޑޫން މިހާރު ހުސްވާން ކައިރިވެފައިވާ ކަމަށެވެ.
އެހެންވެ ވީހާ ވެސް އަވަހަކަށް ފެން ގެނެވޭތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.