އިނގިރޭސިވިލާތުގެ ޓޫރިޒަމް އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ކެމްޕޭން "ގްރޭޓް ބްރިޓްން ޔޫ އާ އިންވައިޓެޑް" ގެ އިންޑިއާގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ހަމަޖައްސައިފި އެވެ.
މިކަން އިއުލާން ކުރަން އިނގިރޭސިވިލާތުގެ ނެޝަނަލް ޓޫރިޒަމް އެޖެންސީ "ވިޒިޓް ބްރިޓްން" އިން ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ސައިފް ބުނީ އޭނާއަކީ އަބަދު ވެސް އިނގިރޭސިވިލާތަށް ހާއްސަ ޝައުގުވެރި ކަމެއް ހުންނަ މީހެއް ކަމަށެވެ.
އެގޮތުން އޭނާގެ ވަރަށް ޒުވާން އުމުރު ހޭދަ ކުރީ ވެސް އެ ގައުމުގައިކަން ފާހަގަ ކުރި އެވެ. އެއީ ހާއްސަކޮށް ކިޔެވުމަށެވެ. ސައިފް ކިޔެވީ ޔޫކޭގެ ހެމްޝައާގައި ހުންނަ ވިންޗެސްޓަ ކޮލެޖުންނެވެ.
އޭނާ ކުޅުނު ބައެއް ފިލްމްތައް ވެސް އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ އެކްޓަރު ބުނީ އިނގިރޭސިވިލާތަށް ގުދުރަތީ ގޮތުން ލިބިފައިވާ ހިތްގައިމުކަމާއި އެ ގައުމުގެ ސަގާފަތާއި ދިރިއުޅުމުގެ އާދަކާތައް ވަރަށް ކަމުދާ ކަމަށެވެ.
އެހެންވެ އެ ގައުމުގެ ޓޫރިޒަމް އިޝްތިހާރު ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއްގެ އިތުރުން ޝަރަފެއް ކަމަށް ސައިފް ބުންޏެވެ.
ސައިފްގެ މިހާރުގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރް ހާނަކީ ވެސް އިނގިރޭސިވިލާތަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮންނަ ބަތަލާއެކެވެ.
ސައިފް ބުނީ އޭނާ އާ އިނގިރޭސިވިލާތުން ހަވާލު ކުރި ޒިންމާ ވަރަށް ފުރިހަމަ އަށް އަދާ ކުރާނެ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންގެ މެދުގައި އިނގިރޭސިވިލާތް އިޝްތިހާރު ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޓޫރިޒަމް އެމްބެސެޑަރުގެ ގޮތުން ކުރާނެ ކަމަށް ސައިފް ބުންޏެވެ.