ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ބަންދުގަ އެވެ. ޖަލުގައި 11 އަހަރުގެ ޖަލި ހުކުމެއް ތަންފީޒު ކުރައްވަނިކޮށް، މި ހުކުމަށް ބޮޑު ލުއެއް ލިބިވަޑައިގަތީ ޔާމީންގެ ޕާޓީ، ޕީޕީއެމްގެ ބައިވެރިޔާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން ޔާމީން އެންމެ ފުރަތަމަ ބަދަލުކުރެއްގީ ގޭބަންދަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރަށު ބަންދަށް ބަދަލުކުރީ އެވެ. އެ ލުޔާ އެކީ ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާއެއް ބާއްވައި، ގަޑިއެއްހާ އިރު ހިތުގެ އުދާސްތައް ސަޕޯޓަަރުންނަށް އޮއްސަވާލެއްވި އެވެ.
ނަމަވެސް ސިޔާސީ ހަރަކާތާ އެކީ ޔާމީނަށް ލިބިވަޑައިގަތީ ކަރެކްޝަނަލް ސާވިސެސްގެ އިންޒާރެކެވެ. އެއީ ސިޔާސީ ހަރަކާތްތައް ބާއްވަވާ ނަމަ، ޖަލަށް އަލުން ރުޖޫއަކުރަން ޖެހިދާނެކަމުގެ އިންޒާރެވެ. އެއީ ޔާމީން "މައިތިރިވެ" މި ފަހުން އަޑެއްބަޑެއް ނީވެ އެވެ.
ނަމަވެސް ރޭ މި ވަނީ މުޅިން ތަފާތު ކަމެއް ޔާމީންގެ ފަރާތުން ފެނިފަ އެވެ. އެއީ ސިޔާސީ "ގޮނޑިން އެއްފަރާތްވެލައި" ފުޓްބޯޅަ ކުޅުއްވަން ނުކުންނެވުމެވެ، ރޭ އެ މަނިކުފާ ވަނީ މާފަންނު ސްޓޭޑިއަމްގެ ލެގޫންސް ދަނޑަށް ވަޑައިގެން ފުޓްސަލް ކުޅުއްވައިފަ އެވެ. ވަރަށް ފޯރި އާއި ޖޯޝާ އެކީގަ އެވެ.
އަލުން ސިޔާސ މަސައްކަތަށް ރުޖޫއަވަވެންދެން ބުންވަރު ރަނގަޅުކޮށްލަން މިއީ ހަމަގައިމު ވެސް ރަނގަޅު ކަމަކަށް ވެދާނެ އެވެ.