އާ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭނީ 22 ވަޒީރުން ކަމަށާއި އެ ހުރިހާ ބޭފުޅުންނަކީ ވެސް ތައުލީމީ ގާބިލު ބޭފުޅުންނަށް ވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ ކެބިނެޓުގައި ތިއްބަވާނީ ނަތީޖާ ވެސް ނެރެދެއްވާނެ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް އިސްކަން ދެއްވާ ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ވަކި ބައެއްގެ އެޕްރޫވަލް ބޭނުންވާނެ ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކެބިނެޓަކީ ޤައުމުގެ ހަމަޖެހުން ގާއިމުކޮށް ވަޢުދުތައް ފުއްދުމަށްޓަކައި ބޭނުން ވާނެ ވަރަށް ގާބިލު ކެބިނެޓެއް ކަމަށެވެ.
"ކެބިނެޓާއި ކުންފުނިތައް އެއްކޮށްލާ އިރު މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖްމަންޓްހެން އަޅުގަނޑަށް ގަބޫލުކުރެވެނީ އަންނާނީ އާ ސަރުކާރުގައި ކަމަށް. އެއީ ޔަގީންކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. "ވީ ވަރަކުން ބަލާފައި އޮންނާނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅަކު، އެ ދާއިރާއަކުން ކިޔަވައި ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ވީހާ ވެސް ރަނގަޅަށް ލިބިފައިވާ މީހަކު ނެގޭތޯ."
މިނިސްޓްރީތައް އިތުރުވުމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ މިނިސްޓްރީތައް އިތުރުކުރަން ނިންމެވި ސަބަބަކީ އެއް މިނިސްޓްރީއެއްގެ މެންޑޭޓުގެ ދަށުން މާ ގިނަ ކަންކަން ކުރަން އުޅެގެން ނަތީޖާ ނުނެރެވޭކަން ތަޖުރިބާ ކުރެވިފައިވާތީ ކަމަށެވެ. ކެބިނެޓަށް ދެތިން މިނިސްޓްރީއެއް އިތުރިވި ނަމަވެސް ހިންގުމުގެ ޚަރަދު ބޮޑު ނުވާނެކަމުގެ ޔަޤީންކަން ވެސް ދެއްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިނިސްޓްރީތައް ވަކިކޮށްފައި އޮތީމަ، މިނިސްޓްރީތަކުގެ އަދަދު އިތުރު ވާނެ. އެއީ ފޯކަސްޑް މަސައްކަތްތަކެއް ކުރަންވެގެން. ނަތީޖާ ނެރޭ ސީރިއަސް މަސައްކަތްތަކެއް ކުރަން ބޭނުންވާތީ." މުއިއްޒު ވިދާޅުވި އެވެ.
އާ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ބުނެ މީޑިއާތަކުން އާންމުކުރި ލިސްޓާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ ލިސްޓްގެ 95 ޕަސެންޓް ރަނގަޅު ކަމަށެވެ.