Last Updated: October 6, 06:18
Sunday, October 6, 2024
މުނިފޫހިފިލުވުން

"ބާޒީގަރް" އަށް 30، ކާޖޮލްގެ ހަނދާންތަކެއް!

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބުނު ފިލްމު "ބާޒީގަރު" ގެނެސްދިންތާ މި އަހަރަށް 30 އަހަރުވުމާ ދިމާކޮށް، އޭގެ ހަނދާންތަކެއް ބަތަލާ ކާޖޮލް އާކޮށްފި އެވެ.

ފޮޓޯތަކަކާ އެކީ ސޯޝަލް މީޑިއާގައި މިހާރު އުމުރުން 49 އަހަރުގެ ބަތަލާ ބުނީ ނޮވެމްބަރު 12، 1993 ގައި ރިލީޒްކުރި ފިލްމުގެ ޝޫޓިން ފެށި އިރު އޭނަގެ އުމުރަކީ 17 އަހަރު ކަމަށެވެ. ކާޖޮލްގެ ފުރަމަ ފިލްމަކީ 1992 ގެ "ބޭހުދީ" އެވެ.

އައްބާސް-މަސްތާން ޑައިރެކްޓްކުރި ރޮމޭންޓިކް ތުރިލާ "ބާޒީގަރު" ގެ ހަނދާންތައް އާކުރަމުން ކާޖޮލް ބުނީ މި ފިލްމަކީ އޭނަ އަލަށް ޝާހްރުކް ޚާނާ ދިމާވި ފިލްމު ކަމަށެވެ. މި ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، މި ދެ ތަރިން އެކީގައި ބޮޑެތި ބްލޮކްބަސްޓާތަކެއް ގެނެސްދިނެވެ. އޭގެ ތެރޭގައި 1995 ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި އެ އަހަރުގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" ގެ އިތުރުން 2015 ގެ "ދިލްވާލޭ" ހިމެނެ އެވެ.

ކާޖޮލް އާއި ޝާހްރުކްވެފައި ވަނީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑަށެވެ.

އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލް ބުނީ "ބާޒީގަރު" އަކީ އޭނަ އަލަށް ކޮރިއޯގްރާފަރު ސަރޯޖް ޚާންގެ އިތުރުން މިއުޒިކް ޑައިރެކްޓަރު އައްނޫ މަލިކާ އެކީ ވެސް މަސައްކަތްކުރަން ލިބުނު ފިލްމު ކަމަށެވެ. ކާޖޮލްގެ ޕޯސްޓްގައި ފިލްމުގައި އޭނަގެ ދައްތަގެ ރޯލު ކުޅުނު ޝިލްޕާ ޝެޓީ އާއި ކޮމީޑިއަން ޖޯނީ ލީވާގެ ނަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ބާޒީގަރް" އަކީ ޝިލްޕާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.

"މި ފިލްމަކީ އޭގެ ލަވަތަކާއި ޑައިލޮގްތަކުން މިހާރު ވެސް އަހަރެންގެ މޫނުމައްޗަށް ހިނިތުވުން ގެނުވައިދޭ ކަންކަން." ކާޖޮލް ބުންޏެވެ.

"ބާޒީގަރް" އަކީ ބޮކްސް އޮފީހުގައި 29 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ ހޮލީވުޑްގެ 1991 ގެ ފިލްމު "އަ ކިސް ބިފޯ ޑައިން" އަސްލަކަށް ބަލައިގެންނެވެ. "ބާޒީގަރު" ނޫނީ އައްބަސް-މަސްތާންގެ އިތުރު ފިލްމެއްގައި ކާޖޮލް މަސައްކަތްކޮށްފައެއް ނުވެ އެވެ.