Last Updated: November 25, 14:49
Monday, November 25, 2024
ވިޔަފާރި

ބީޑީއެސްސީ ރަސްމީކޮށް ހުޅުވައިފި

އައްޑު އާއި ފުވައްމުލަކަށް އަމާޒުކޮށްގެން އައްޑޫގައި ގާއިމުކޮށްފައިވާ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު (ބީޑީއެސްސީ) މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ގާއިމުކޮށްފައިވާ އެ މަރުކަޒު ހުޅުވުމަށް މިއަދު ހަވީރު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާ އެކު ރާއްޖޭގެ އަށް ސަރަހައްދެއްގައި ވިޔަފާރި ކުރިއަރުވާ މަރުކަޒުތައް ގާއިމު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ތަންތަން މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި މަރުކަޒަކީ ދެ ޖިންސްގެ ޒުވާނުންނާއި ހާއްސަކޮށް އަންހެނުން ވިޔަފާވެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަރުކަޒުތަކެއް ކަމަށެވެ. އެ މަރުކަޒުތަކުން ހިންގާ ވިޔަފާރިއާ ގުޅޭ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ވިޔަފާރީގެ ދާއިރާ އަށް އަހުލުވެރި ވެވޭނެ ރަނުގެ ފުރުސަތެއް ފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސައީދު އަދި ވިދާޅުވީ ވިޔަފާރި މަރުކަޒުތަކުގައި ކުރިމަގުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކޮންސަލްޓެންޓުން ވަޑައިގެން ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ.

އޭގެ ތެރޭގައި 10 ކޮލްސަންޓަންޓަކު ހިމެނެ އެވެ. އެއީ ރާއްްޖޭން ބޭރުގެ ހަތަރު ކޮންސަލްޓަންޓުންނާއި ރާއްޖޭގެ ހަ ކޮންސަލްޓަންޓުންނެވެ.

މީގެ ސަބަބުން ވިޔަފާރިވެރިންނަށް ވަރަށް އަގުހުރި މައުލޫމާތުތަކެއް އެ ދާއިރާ އިން ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބީޑީއެސްސީއަކީ ކުރިއަށް އޮތް ތަނުގައި މިނިސްޓްރީން ވިޔަފާރިތައް ކުރިއަރުވަން ދޫކުރާ ލޯންތަކުގެ ކަލެކްޓިން ޕޮއިންޓްތަކެެއް ކަމަށެވެ. އަދި ވިޔަފާވެރިން މި މަރުކަޒާ ގުޅިގެން ކުރިއަށް ދިއުމަކީ ވިޔަފާރިތައް ކުރިއަރުވަން ހުޅުވިފައިވާ ދޮރެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ވިޔަފާރި ތަރައްގީކުރާ މަރުކަޒެއް އައްޑޫގައި ގާއިމުކޮށް ތަޖުރިބާކާރު ކޮންސަލްޓަންޓުން މެދުވެރިކޮށް ޕްރޮގްރާމްތައް ހިންގުމަކީ ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

އަދި އިކޮނޮމިކް މިނިސްޓްރީން ކުރާ މަސައްކަތްތަކަށް ކައުންސިލުން ދެވެން އޮތް އެހީތެރިކަން އަބަދެު ވެސް ފޯރުކޮށް ދެމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

HKL (1)

އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރު ސާމީ ސައީދު ވިދާޅުވީ އެ ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑު ދެ ޕްރޮޖެކްޓްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވެދޭ ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ވިޔަފާރި ތަރައްގީކުރާ މަރުކަޒުތައް މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި އަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ޒުވާން ވިޔަފާވެރިން ރާއްޖޭގައި އުފެދިގެން ދާނެ ކަމަށެވެ.