އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ ކުންފުނި އެމްވީކޭގެ އެގްރިމަންޓް ބާތިލް ކުރުމަކީ ފަަސޭހަ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށްކޮށްފި ނަމަ، ސަރުކާރަށް ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އިއްޔެ އައްޑޫގައި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ސާވިސް ސެންޓަރު (ބީޑީއެސްސީ) ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެމްވީކޭ އާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކެއް އިޝާރާތް ކުރައްވައި އައިބީ ވިދާޅުވީ އެމްވީކޭ އާ އެކު ހަދާފައި އޮތް އެގްރިމަންޓާ އެއްްގޮތަށް ދެ ފަރާތުން ވެސް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން އޭނާ ވަނީ އެމްވީކޭ އަށް ކައުންސިލުން ހަމަޖައްސައި ދޭން ޖެހޭ ބިމުގެ މައްސަލަ ފާހަގަ ކުރައްވައިފަ އެވެ.
"އެކަމަކު މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކައުންސިލުން ވަނީ ބިންތައް ހަމަޖައްސައި ދީފައި. ފޭދޫން ވެސް އެންވީކޭ އާ ބިން ހަވާލުކޮށްފައި." އައިބީ ވިދާޅުވި އެވެ.
އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ އެމްވީކޭގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ އައްޑޫގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ކައުންސިލުން ކޮށްދޭން ޖެހޭ އެއްްވެސް ކަމެއް ފުރިހަމަ ނުވެގެން އެމްވީކޭ އަށް މިހާރު ހިދުމަތް ނުދެވި އޮވެގެން ނުވާނެ ކަމަށެވެ.
އެގޮތުން އެ ކުންފުނިން ފާހަގަ ކުރަމުން ދިޔަ ބިން ނުލިބުމުގެ މައްސަލަ މިހާރު ހައްލުކޮށް ދީފައިވާނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި އެވެ.
ސޯބެ އިއްޔެ ވިދާޅުވީ އެމްވީކޭ އޮތީ ފެއިލްވެފައި ކަމަށެވެ. އެހެންވެ މިނިސްޓަރު ސައީދު އެ މައްސަލާގައި އެމްވީކޭ އާ މެދު ގޮތެއްް ނިންމަވައި ދެއްވުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި މައްސަލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ އެމްވީކޭގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެމްވީކޭ އާ އެކު ކައުންސިލާއި މިނިސްޓްރީން ވަނީ ފެބްރުއަރީ 11، 2015 ގައި ދުވަހު ވެސް ބައްދަލުވުމެއްް ބާއްވައިފަ އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ފޭދު އާއި ހުޅުމީދު އާ ދޭތެރޭ ބާއްވަމުން އަންނަ ދަތުރުތައް ޝެޑިއުލެއްގެ ދަށުން ކުރިއަށް ގެންދިއުމާއި ބަހުގެ ހިދުމަތް ރަނގަޅު ކުރުމާއި ހުއްޓިފައިވާ އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ބާއްވަމުން ދިޔަ ފެރީގެ ހިދުމަތް އަލުން ފެށުމާ ބެހޭގޮތުން މަޝްވަރާކޮށް، ދިމާވެފައި ހުރި މައްސަލަތައް ވީހާ ވެސް އަވަހަކަށް ހައްލު ކުރަން އެއްބަސްވުމަަށް އައިސްފައިވެ އެވެ. އަދި ގަމުގެ ދޫގަސް އޮޕަރޭޓްކޮށް އެތަނަކީ ވެސް އާމްދަނީ ލިބޭ ތަނަކަށް ހަދަން އެއްބަސްވެފައިވެ އެވެ.
ކައުންސިލުން ބުނީ ކައުންސިލުން ކޮށްދޭން ޖެހޭ އެއްްވެސް ކަމެއް ފުރިހަމަ ނުވެގެން އެމްވީކޭ އަށް މިހާރު ހިދުމަތް ނުދެވި އޮވެގެން ނުވާނެ ކަމަށެވެ.
ސޯބެ އިއްޔެ ވިދާޅުވީ ދަތުރުފަތުރުގެ މައްސަލާގައި އައްޑޫ ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އަދި އެމްވީކޭ އޮތީ ފެއިލްވެފައި ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައި އެމްވީކޭ އާ އައްޑު އާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ހަވާލު ކުރީ 50 އަހަރުގެ މުއްދަތަކަށެވެ. އެއީ ސަބްސިޑީއެއްގެ ގޮތުގައި ގަމުގެ ގެސްޓް ހައުސް ދޫގަހާ ވެސް އެކުގަ އެވެ.