ދުނިޔޭގެ ކޮލިޓީ ދުވަހާއި ގުޅުވައިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮލިޓީއާއި ގުޅޭގޮތުން ހާއްސަ އެއްދުވަހުގެ ކޮންފަރެންސެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޮންފަރެންސަކީ ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ ދުނިޔޭގެ ކޮލިޓީ ދުވަހާއި ގުޅިގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއިއެކު، ރާއްޖޭގެ ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުސްމާން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މިމަހުގެ 11 ވަނަ ދުވަހު ހިތަދޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ހަރަކާތުގައި ކޮލިޓީ ހިފެހެއްޓުމާއި ގުޅޭ ގޮތުން އެކި ފަރާތްތަކުން ވަނީ ވާހަކަ ދައްކަވާފައެވެ.
މި ހަރަކާތުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިޙް ރާއްޖޭގެ ސިޢްޙީ ދާއިރާގައި ފެންވަރު ރަނގަޅު އަދި އަތްފޯރާ އަގުގައި ޚިދުމަތް ދިނުމާއި ގުޅޭގޮތުން ވާހަކަ ސެޝަނެއް ނެންގެވިއެވެ. އަދި ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުސްމާން ވަނީ ބަލިމީހުންނާއި މުޢާމަލާތު ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ބައެއް ހާއްސަ މެހެމާނުންގެ ގޮތުގައި އެމެރިކާގެ ޔުނިވާސިޓީ އޮފް ނޯތު ކެރޮލައިނާގެ ޕްރޮފެސަރެއްވެސް ވަނީ ބައިވެރިވެ ސެޝަނެއް ނަންގަވައި ދެއްވާފައެވެ. އަދި ނެދަލޭންޑްސް އެމްސްޓަޑާމް ޔުނިވާސިޓީގެ ދިރާސާ ކުރާ ފަރާތެއްވެސް ބައިވެރިވެފައިވެއެވެ. މިއާއެކު ސިންގަޕޫރުގެ ސިންގް ހެލްތުގެ ގްރޫޕް ޑިރެކްޓަރެއްވެސް ހޮސްޕިޓަލުގެ މި ހަރަކާތުގައި ސެޝަނެއް ނަންގަވާދެއްވިއެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލުގެ މޭނޭޖިންގް ޑިރެކްޓަރ އަހުމަދު އަފާލްވެސް ސެޝަންތަކުގައި ވަނީ މި ބޭފުޅުންނާއި އެކު އޮންލައިކޮށް ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގެ ތެރެއިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮލިޓީ މެނުއަލް ވަނީ ލޯންޗުކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ކޮލިޓީ އިމްޕްރޫވްމެންޓް ޑިޕާޓްމެންޓުގެ މެންބަރުންނަށް މަޤާމު ވަނީ ހަވާލުކޮށްފައެވެ. މިއީ ރާއްޖޭގައިވެސް ދުނިޔޭގެ ކޮލިޓީ ދުވަސް މިގޮތަށް ފާހަގަ ކުރި ފުރަތަމަ ފަހަރު ކަމަށް އޭއީއެޗްއިން ބުނެއެވެ.
ދުނިޔޭގެ ކޮލިޓީ ދުވަހަކީ، ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 9 ވަނަ ދުވަހެވެ. މި އަހަރު މިދުވަހުގެ ޝިއާރަކީ، "ކޮލިޓީ: ރިއަލައިޒިންގް ޔޯރ ކޮމްޕެޓިޓިވް ޕޮޓެންޝަލް" މިއެވެ.