އެކި ކަންކަމުގައި އައްޑު އަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދެއްވަމުން ގެންދަވާ މުހައްމަދު ޖުނައިދު (ޖުނާ) އައްޑޫ ސިޓީ ކައުންސިލަށް މިއަދު ޑްރޯން ކެމެރާއެއް ހަދިޔާ ކުރައްވައިފި އެވެ.
ޑްރޯން ކައުންސިލާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ޑްރޯނާ ހަވާލުވެވަޑައިގެންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި މި ޑްރޯން ހަދިޔާ ކުރި "އޮން ދަ ގޯ" ކުންފުނީގެ ފަރާތުން ޑްރޯން މޭޔަރާ ހަވާލުކޮށް ދެއްްވީ އެ ކުންފުނީގެ ޗެއާމަން ޖުނާ އެވެ.
ޖުނާއަކީ މަޝްހޫރު ވިޔަފާރި ކުންފުނި ގްލޯބަލް ލިންކްސް ގެ ވެސް ވެރިޔާ އެވެ.
މޭޔަރު ވިދާޅުވީ ޑްރޯމް ކެމެރާ ވެގެން ދާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ވަރަށް މުހިއްމު ވަސީލަތަކަށް ކަމަށެވެ. ހާއްސަކޮށް ކައުންސިލް އިދާރާގެ ބިމާއި ސާވޭ އާ ބެހޭ ސެކްޝަންގެ މަސައްކަތްތަކަށް މި ޑްރޯމް ކެމެރާގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަަށް ވިދާޅުވި އެވެ.
އެގޮތުން އޭރިއަލް ފޮޓޯތައް ނެގުމާއި އެ ނޫން ވެސް އެކިއެކި ހަރަކާތްތަކާ ގުޅޭ ފޮޓޯތައް ނެގުމަށް ޑްރޯން ކެމެރާ ވެގެން ދާނީ ވަަރަށް މުހިއްމު އެއްޗަކަށް ކަމަށް ވިދާޅުވި އެވެ.
މޭޔަރު ވަނީ ޖުނާ ވެދެއްވި އެހީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
ޖުނާ މިއަދު ވިދާޅުވީ އޭނާއަކީ އަބަދު ވެސް އައްޑޫގެ ތަރައްގީ އަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.