Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

ޑިމޮކްރެޓުންގެ ދެކޮޅު ހެދުންތަކާ އެކީ ދެ ބަޖެޓް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް މިއަހަރު ބާކީ ބަޔަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓް އަދި އަންނަ އަހަރަށް ދައުލަތުން ލަފާ ކުރައްވާ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހަޅުއްވައިފިއެވެ.

މިއަދު ހެނދުނު މަޖިލީހުގައި ބޭއްވި ޖަލްސާގައި މިނިސްޓަރ އަމީރު ފުރަތަމަ ހުށަހެޅުއްވީ ސަޕްލިމެންޓަރީ ބަޖެޓެވެ. މިއަހަރު ބަޖެޓުގެ ޚަރަދުތައް ފޫބެއްދުމަށް އިތުރަށް ސަރުކާރުން ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ އިތުރުން އެ ބަޖެޓު ހުށަހެޅުމަށް ފަހު ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ބަޔާން ވެސް ފިނޭންސް މިނިސްޓަރ އަމީރު ވަނީ މަޖިލީހުގައި އިއްވާފައެވެ.

ފުރަތަމަ މަޖިލިސް ފެށިގެން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފުރުސަތު ދިނުމުން ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ، މިނިސްޓަރ އަމީރު ނޮވެމްބަރު 1 ގެ ކުރިން ބަޖެޓު ހުށަހެޅުމަށް މަޖިލީހަށް ވަޑައި ނުގަތީ ޤާނޫނާއި ޚިލާފަށް ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމުންވެސް އެކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

އާޒިމްގެ އިތުރުން ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު އުތުރ ދައިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އަދި ގަލޮޅު އުތުރު ދައިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. މީގެ އިތުރުން މަޖިލީހުގައި އާންމު މެންބަރެއްގައި ގޮތުގައި އިންނަވާ ރައީސް، ނަޝީދުވެސް ވަނީ މިކަން ފާހަގަކޮށްފައެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ކަމުގައި އިންނެވި، މުހައްމަދު އަސްލަމް ވަނީ މިނިސްޓަރ އަމީރު ބަޖެޓު ހުށަހަޅުއްވަނީ، ޤަވާއިދާއި އެއްގޮތައް ކަމަށް ވިދާޅުވެ އިތުރު ނިޒާމީ މައްސަލައަކަށް ފުރުސަތު ނުދެއްވާ ބަޖެޓު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރ އަމީރު ބަޖެޓު ހުށަހަޅަމުން ދިޔައިރުވެސް، ޑިމޮކްރެޓް މެންބަރުން ދިޔައީ އަޑުގަދަ ކުރައްވާ ބަޖެޓު ހުށަހެޅުމަށް ހުރަސް އަޅުއްވަމުންނެވެ. އެގޮތުން ބައެއް ފަހަރު މިނިސްޓަރ ބަޖެޓު ހުށަހެޅުން ހުއްޓާލަންވެސް ޖެހުނެވެ. ނަމަވެސް މަޖިލީސް ރައީސް، ވަނީ މަޖިލީހުގެ ޤަވާއިދަށް މެންބަރުން ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށް ބަޖެޓު ހުށަހަޅަން ފުރުސަތު ދީފައެވެ.

މިއަހަރު ބަޖެޓު ބަޔާން މިނިސްޓަރ އަމީރު އިއްވުމާއެކު، ސަޕްލިމެންޓަރީ ބަޖެޓާއި މެދު ކަން ކުރައްވާނެ ގޮތް ކަނޑައެޅުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ތަޅުމަށް ފުރުސަތު ހުޅުވާލައްވާފައެވެ.