މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓާއެކު ދެ މީހަކު ހުޅުދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 30 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ މެންދުރުގެ ވަގުތެއްގައި ހުޅުދޫ ފަޅު ގެއެއްގެ ތެރޭގައި ތިއްބަ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްެޗެއް ހުރި ރަބަރު ޕެކެޓްތައް ފެނިފައި ވަނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރަން އުޅުމުން ރަބަރު ޕެކެޓްތައް ބިންމައްޗަށް ވައްޓާލި ތަނުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ބިރުދެއްކުމާއި ކުށްވެރިއަކަށް އެހީތެރިވެ ދިން މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
އަދި 25 އަހަރުގެ މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ މައްސަލަތަކާއި މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
މި މައްސަލަ އާ މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.