ރާއްޖެއަށް މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ އައު ޤާނޫނެއް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރ ވަނީ އަންނަ އަހަރަށް ދައުލަތު ލަފާ ކުރާ ބަޖެޓުގެ ބަޔާން ހުށަހަޅުއްވާފައެވެ. މިނިސްޓަރ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޯވިޑާއި ގުޅިގެން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދައްވި ކަމަށެވެ. އަދި ބަޖެޓު ޑެފިސިޓް ބޮޑުވެގެން ދިޔަ ކަމަށާއި، އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އާމްދަނީ އިތުރުވި ނަމަވެސް، ޙަރަދުތައް ބޮޑުތަނުން އިތުރުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ދައުލަތުގެ ޚަރަދަށް ބޭނުންވާ ފައިސާގެ 68 އިންސައްތައަށްވުރެ ބޮޑުބައަކީ ދިވެހިރާއްޖޭގައި ހިނގާ އިޤުތިޞާދީ ޙަރަކާތްތަކުން ހޯދާ ޓެކުހާއި އެހެނިހެން އާމްދަނީ ކަމަށެވެ. މީގެ ތެރެއިން އަންނަ އަހަރު 33.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރާއިރު، ޓެކުހުގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ލަފާ ކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ އާމްދަނީގެ ޖީޑީޕީ ނިސްބަތުން އިތުރު ކުރުމަށް މިހާރު މެދު ރާސްތާގައި އާމްދަނީ އިތުރު ކުރުމާއި ގުޅޭ ސްޓްރެޓެޖީއެއް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ޖީޑީޕީ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 29.3 އިންސައްތައިގައިކަން ފާހަގަކޮށް މިނިސްޓަރ ވަނީ މި ޕްލޭނުގެ ދަށުން 2028 ވަނަ އަހަރު އަންނަންވާއިރު، މިއަދަދު 35 އިންސައްތައަށް އުފުލުމަކީ އަމާޒެއް ކަމަށެވެ. މިގޮތުން 4 ކަމެއް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ އައު ޖީއެސްޓީ ޤާނޫނެއް ގެނައުމެވެ. މިގޮތުން މިހާރު މިނިސްޓްރީން އައު ޤާނޫނު ޑްރާފްޓް ކޮށްފައިވާ ކަމަށާއި މީގެ ބޭނުމަކީ ޖީ.އެސް.ޓީ ނެގޭ އަސާސް "އޮރިޖިން ޕްރިންސިޕްލް" އިން "ޑެސްޓިނޭޝަން ޕްރިންސިޕްލް" އަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން ޑިޖިޓަލްކޮށް ރާއްޖޭގައި ދޭ ޚިދުމަތައް ޖީއެސްޓީ ނެގުމުގެ ބާރު ލިބިގެންދާ ކަމަށް މިނިސްޓރ ފާހަގަ ކުރެއްވިއެވެ.
ދެވަނަ ކަމަކަށް މި ޕްލޭންގައި އޮތީ މީރާއާއި ކަސްޓަމްސްގެ ތަންފީޒީ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ. އަދި އޭގެ އިތުރަށް އެކްސައިޒް ޓެކްސް ނިޒާމެއް ތަޢާރަފް ކުރުމާއި، ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމަށް ކައުންސިލްތަކަށް ލިބޭ ޕްރޮޕަޓީ ޓެކުހެއް ތަޢާރަފް ކުރުމަށް ވަނީ ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތު އާމްދަނީ އިތުރުކުރުމަށް ގިނަކަންކަން ރޭވިފައިވާ އިރު، މިއަހަރުގެ ބަޖެޓުގައި ބަޖެޓް ދަރަނި ނުވަރަ ޑެފިސިޓް ވަނީ 13.8 ބިލިއަން ރުފިޔާއަށެވެ. މީގެ ތެރެއިން ޕްރައިމަރީ ޑެފިސިޓަކީ 8.5 ބިލިއަން ރުފިޔާއެވެ.