Last Updated: November 28, 12:38
Thursday, November 28, 2024
ޚަބަރު

މަގޫދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފި

ފ. މަގޫދޫގައި ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓް ހިންގުމަށް ސަރުކާރުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ސަރުކާރާއި ރީޖަނަލް އެއާޕޯޓްސް ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މަގޫދޫ އެއާޕޯޓުގެ ހިންގުމުގެ ހުރިހާ ބާރެއް ވަނީ އެކުންފުންޏާއި ހަވާލުކޮށްފައެވެ. މި އެއާޕޯޓު ރީޖަނަލް އެއާޕޯޓުސް ކުންފުންޏާއި ހަވާލުކޮށްފައިވާއިރު، އެއާޕޯޓު ތަރައްޤީގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

އެގޮތުން މި އެއާޕޯޓުގެ ރަންވޭ 1200 މީޓަރުން 1800 މީޓަރަށް ބަދަލު ކުރުމަށް ރައީސް ސާލިޙް ވަނީ ނިންމަވާފައެވެ. އެއާއި އެއްގޮތަށް ރަންވޭ ހެދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން އެއާޕޯޓުގެ ފަޔަރ ބިލްޑިންގް ނިމި ޕެސެންޖަރ ޓާމިނަލްގެ މަސައްކަތް ފަށާފައިވާ ކަމަށް އާރްއޭސީއެލްއިން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓު ތެރޭގައި ޖެޓުތަކަށް ތެޔޮ ދެވޭ ގޮތަށް ފިއުލް ފާމަކާއި، ޖެޓް ޕާކް ކުރެވޭނޭ ސަރަހައްދެއް ވެސް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. މިއާއެކު މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުގައި ކުރިއަށްދާ ނަމަ ފިއުލް ފާމް ފުރަތަމަ ކުއާޓާގައި ނިމޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެއެވެ. އަދި ޖެޓުތަކުން ދަތުރު ކުރާ ފަރާތްތައް ޓްރާންސިޓް ވުމަށް އެއާޕޯޓް ހޮޓަލެއްވެސް ތަރައްޤީ ކުރަން ވަނީ ރޭވިފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ، މި އެއާޕޯޓުން އަންނަ އަހަރު ޖެނުއަރީ މަހު ޚިދުމަތް ދޭން ފެށޭ ވަރު ވާނެ ކަމަށެވެ. އަދި މިމުއްދަތުގައި މ. މުލީގައި ތަރައްޤީ ކުރާ އެއާޕޯޓުންވެސް ޚިދުމަތް ދެވޭނެ ވަރު ވާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މަގޫދޫ އެއާޕޯޓު މަޝްރޫޢުއަކީ ސަރުކާރުން 264.9 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ތަރައްޤީ ކުރަމުންދާ އެއާޕޯޓެކެވެ. މިމަސައްކަތް ކުރަނީ ސަރުކާރުގެ ކޮންޓްރެކްޓިން ކުންފިނި އެމްޓީސީސީންނެވެ.