އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ކެތު ލެބް އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި، އެތަން ހިންގާނެ ބަޔަކު ހޯދުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުގެ ކެތު ލެބުގެ މަސައްކަތް ނިންމައި އެތަން، ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. އެތަނުގައި މިހާރު ބޭނުން ކުރާނެ ހުރިހާ ވަސީލަތެއް ޤާއިމް ކުރެވިފައިވާއިރު، ކެތު ލެބް އިންސްޓޯލް ކުރުމަށް ގިނަ ދުވަސްތަކެއް ވަނީ ނަގާފައެވެ. އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިޙް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެތު ލެބަކީ މާލެ ސަރަހައްދުގައި އިންސްޓޯލް ކުރުމަށް ލިބުނު އެއްޗެއް ކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގައި މިވަގުތުވެސް އެ ޙިދުމަތް ދެމުން އަންނަ ތަންތަން ހުރުމުން އައްޑޫއަށް ބަދަލު ކުރީ ކަމަށެވެ.
މިގޮތުން ލެބް އިންސްޓޯލް ކުރުމަށް ޓެންޑަރ މަސައްކަތައް ހުޅުވާލައި އެކަންވެސް އެންމެ ފުރިހަމައަށް ކުރުމަށް ދުވަސްތަކެއް ނެގި ކަމަށް ވިދާޅުވިއެވެ. ޑރ. ސޯލިޙް ވިދާޅުވި ގޮތުގައި މިތަން ފުރަތަމަ ޤާއިމް ކުރަން ނިންމީ، އޭއީއެޗްގައި ޤާއިމް ކުރަން ނިންމާފައިވާ އެކްސްޓެންޝަން އިމާރާތުގައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފެށުމަށް ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި، މި ޚިދުމަތް އަވަހަށް ފެށުމަށް ފަހުން ހޮސްޕިޓަލު ތެރޭ ވަގުތީ ގޮތުން ކެތު ލެބް ޤާއިމް ކުރަން ނިންމީ ކަމަށް ވިދާޅުވިއެވެ.
މިހާރު ހޮސްޕިޓަލުގައި ކެތު ލެބް ޤާއިމް ކޮށްފައި ވަނީ، އޭއީއެޗްގެ ދެވަނަ ފަންގިފިލާގެ ތީއޭޓަރ ކޮމްޕްލެކްސް ތެރޭގައި ހުރި ތިން ތިއޭޓަރުން އެއް ތީއޭޓަރ މަދުކޮށް ބަދަލު ކުރުމަށް ފަހު ކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ.
CEO Dr. Solih, inspected progress of CathLab installation at Addu Equatorial Hospital.
Equipment Calibration and testing will take another 7days and that will be followed by application training. Training will go for another 2 weeks.Follow Our Journey!@presidencymv @MoHmv pic.twitter.com/YMBwZI9IkV
— Addu Equatorial Hospital (@aeh_mv) October 9, 2023
އަދި މިތަން ޤާއިމްވި ނަމަވެސް ޚިދުމަތް ދިނުމަށް މިތަނަށް ބޭނުންވަނީ ޓެކްނިކަލް ޓީމެއް ކަމަށާއި، މިތަން އޮޕަރޭޝަނަށް ގެންނަން އައުޓްސޯސްކޮށް ހިންގަދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
" މިކަހަލަ ކަމެއް ކުރަން ރަނގަޅު ތަޖުރިބާހުރި ޓީމެއް ބޭނުންވާނެ. އެގޮތުން މަސައްކަތް ކުރެވޭ ފެންވަރުގެ އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް ބޭނުންވާނެ. އޭގެ އިތުރަށް އެސިސްޓެންޓެއް ބޭނުންވާނެ. އޭގެ އިތުރަށް އެސިސްޓެންޓެއް ވެސް ބޭނުންވާނެ. އަދި އެ ޓީމުގައި ހިމެނެން ޖެހޭނެ އެކްސްޕީރިއަންސް ދެ ނަރުހުން. އަދި ލެބް ޓެކްނިޝަނެއް ބޭނުންވާނެ. މިއީ ފުލް ޓީމެއް ބޭނުންވާ ކަމެއް" ޑރ. ސޯލިޙް ވިދާޅުވިއެވެ. " އަދި އޭއީއެޗް އަކު އެ ވަސީލަތެއް ނުވަތަ އެކްސްޕާޓީސްއެއް ނެތް"
ޑރ. ސޯލިޙް ވިދާޅުވީ، މިހާރު ރޭވިފައިވާ އެ ފަދަ ބަޔަކު ހޯދަން 3 މަހަށް ވުރެ ގިނަ ދުވަސް ނަގަން ނުޖެހޭނެ ކަމަށާއި، އަދި މިހާރު ރޭވިފައި އޮތް ގޮތުން ކުރިއަށް އޮތް 5 އަހަރު ތެރޭގައި އޭއީއެޗްގައި މިފަދަ ޓީމެއް ޤާއިމް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އޭރުން ހޮސްޕިޓަލުން އަމިއްލައަށް މި ޚިދުމަތް މެނޭޖް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބް ހިންގުމަށް ދިވެހި ބަޔަކާއި ތޯ ނުވަތަ ބޭރު ބަޔަކާއި ތޯ ހަވާލުކުރާނީ، ސުވާލު ކުރުމުން ޑރ. ސޯލިޙް ވިދާޅުވީ އަމިއްލަ ފުޅު ހަސީއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ކަމެއް ކުރުމަށް އެންމެ އެކަށީގެންވަނީ ބޭރު ބަޔަކާއި ހަވާލުކޮށްގެން ކަމަށް ވިދާޅުވިއެވެ. އޭގެ ބައެއް ސަބަބުުތަކުގެ ތެރޭގައި މާލޭގައި މިހާރުވެސް ޚިދުމަތް ދޭ ފަރާތްތަކަށް މިކޮޅަށް ފޯރުކޮށް ދިނުމަށް އެހާ ފަސޭހަ ނުވެދާނެ ކަން ޑރ. ސޯލިޙް ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތު ރާއްޖޭގައި ގިނަ ފަހަރަށް މިގޮތަށް ޚިދުމަތް ދޭން ޖެހެނީ ބޭރު ބަޔަކާއި ހަވާލު ކޮށްގެން ކަމަށް ވިދާޅުވިއެވެ.
އަދި އޮޕަރޭޝަނަލް ބަޖެޓުގެ ތެރެއިން ކެތު ލެބުގެ ސްޓެންޓް ރިޕްލޭސް ކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އަންނަ އަހަރު ކުރީކޮޅު ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ސޯލިޙް ވިދާޅުވިއެވެ.