Last Updated: November 28, 10:28
Thursday, November 28, 2024
ޚަބަރު

މުޢިއްޒުގެ ފުރަތަމަ 100: 161 ވަޢުދެއް

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓު އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ރަސްމީއްޔާތުގައި މި މަގު ޗާޓު އިފްތިތާޙް ކޮށްދެއްވީ އިންތިހާބީ ރައީސް ޑރ. މުޢިއްޒުއެވެ. "ހަފްތާ 14" ނުވަތަ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރިއަށް ގެންދަވާނެ ކަންކަން ހިމެނޭ މި މަގު ޗާޓުގައި 161 ވަޢުދެއް ވެފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިރޭ ވަނީ ހާމަކޮށްފައެވެ. އެގޮތުން މި މަގުޗާޓުގައި ވަޢުދުތައް ބަހާލާފައިވަނީ 8 ދައިރާއަކަށެވެ. މިހުރިހާ ކަމަކަށް ލަފާކޮށްފައިވަނީ 250 މިލިއަން ރުފިޔާއެވެ.

މީގެ ތެރޭގައި އިންތިހާބީ ރައީސްގެ ބޮޑެތި ވަޢުދުތައް ފުއްދުމަށް މަސައްކަތް ފެށިގެންދާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރައްވައެވެ. މީގެ ތެރޭގައި ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމުގެ މަސައްކަތާއި، ރާއްޖެއާއި އެކު ހެދިފައިވާ އެއްބަސްވުންތަކުގައި ހުރި، ގެއްލުންވާ ކަންކަން ބަދަލު ކުރުމުގެ އިތުރުން ދެކުނުގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދަން މައްސަލަ އިސްތިޢުނާފު ކުރުމަށްވެސް ފުރަތަމަ 14 ހަފްތާގެ ވަޢުދު ތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ދީނާއި، ބޯހިޔަވާހިކަމާއި، ސިއްޙީ ދައިރާއި އަދި ޒުވާނުންނާއި ކުޅިވަރަށްވެސް، ބޭނުންވާ ގިނަ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ފެށުމަށް މަގު ޗާޓުގައި ހިމެނޭ ވަޢުދުތަކުގައި ފާހަގަކޮށްފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ހާއްސަ ޕޯޓަލްއެއް ޤާއިމް ކުރުމާއި، މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ ޙަރަދު 3 ގުނަ އިތުރު ކުރުމަށް ވަނީ ހިމެނިފައެވެ.

މިއާއެކު ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެށުމާއި، އައްޑޫ ބްރިޖު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމުގެ އިތުރުން، ވެލާނާ އެއާޕޯޓް ޕްރޮޖެކްޓް ނިންމަން ސިޔާސަތައް ގެންނަން ޖެހޭ ބަދަލުތައް ތަންފީޒު ކުރަން ފަށާނެ ކަމަށް ވަނީ ހިމަނާފައެވެ.

ޑރ. މުޢިއްޒުގެ ފުރަތަމަ 14 ހަފްތާގެ ތެރެއިން މިއަހަރަށް ބޭނުންވާ ފައިސާ ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ތެރޭގައި ހިމެނިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފުރަތަމަ ސަޕްލިމެންޓަރީ ބަޖެޓުގައި މިއަހަރުގެ ކަންކަމަށް 200 މިލިއަން ރުފިޔާ އިންތިހާބީ ރައީސްގެ އެދިލެއްވުމަށް ވަނީ ހިމަނާފައެވެ.