ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫއަށް ހާޢްސަ 3 ވަޢުދެއްގެ ޢަމަލީ މަސައްކަތް ފަށަން އިންތިހާބީ ރައީސް ނިންމައިފިއެވެ.
ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ޕްލޭން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާންމު ކުރައްވާފައިވާއިރު، އައްޑޫސިޓީއަށް ޙާއްސަ 3 ކަމެއް މި ޕްލޭންގައި ހިމެނެއެވެ. މި ތިން ކަން ވެސް ހިމަނާފައިވަނީ ފުރަތަމަ 14 ހަފްތާގައި ފުރިހަމަ ކުރުމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމެނިފައިވަނީ އައްޑޫ ބްރިޖްގެ މަސައްކަތެވެ.
އައްޑޫގެ ގުޅިފައިވާ ރައްތަކާއި ވަކިން އޮންނަ ހުޅުމީދޫ، އާއި ހިތަދޫ ގުޅާލުމުގެ މަސައްކަތަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިގޮތުން ހިތަދޫ އާއި ހުޅުމީދޫ ދެމެދު ގުޅާލުމަށް ނިންމާފައިވާ މި ބްރިޖުގެ ސާވޭ މަސައްކަތައް އަންނަ އަހަރު ބަޖެޓުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ގާތްގަނޑަކަށް 15 ކިލޯމީޓަރުގެ ބްރިޖެއް ކަމަށް އަންދާޒާ ކުރެވެއެވެ.
ދެން އެންމެ އިސްކަމެއް ދީގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އޮތީ "އައްސޭރި ޓުއަރިޒަމް މަޝްރޫޢު" އިފްތިތާޙް ކުރުމެވެ. އެގޮތުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓުއަރިޒަމް މަޝްރޫޢު އިފްތިތާޙް ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުއަކީ އައްޑޫގައި 6000 ޓުއަރިސްޓް އެނދު ތަރައްޤީ ކުރުމަށް ނިންމާފައިވާ މުހިންމު މަޝްރޫޢުއެކެވެ. މި މަޝްރުޢޫ ނިމިގެންދާއިރު 10،000 ވަޒީފާ އުފެދިގެން ދާނެ ކަމަށް ޑރ. މުޢިއްޒު ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ފުރަތަމަ 100 ދުވަހު އައްޑޫއަށް ޙާއްސަކޮށް ކުރަން ހިމަނާފައިވާ ފަހު ކަމަކީ ހެރެތެރެ ރިސޯޓު ހިންގުން ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް ފެށުމެވެ. އައްޑޫގެ އެންމެ ބޮޑު ރިސޯޓު ކެނެރީފް އަކީ މިހާރު ހުޅުވައި ހިންގަމުން އަންނަ ރިސޯޓެކެވެ. އެ ރިސޯޓުގެ މެނޭޖްމެންޓް ދާދި ފަހުން ވަނީ ބަދަލުވެފައެވެ.
އެ ރިސޯޓުގެ އިތުރަށް އޮތް ޝަންގްރިއްލާ ވިލިނގިލި އޮތީ އަދިވެސް ބަންދުކޮށްފައެވެ. އެގޮތުން ރިސޯޓުގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ވިއްކާލިއެވެ. އޭގެ ފަހުން ޝަންގްރިއްލާއިން ރިސޯޓު ވިއްކުމުގެ މަސައްކަތްވެސް ކޮށްފައިވާއިރު މި ސަރުކާރުގެ ދައުރު ހަމަވެގެން މިދަނީ ރިސޯޓު ނުހުޅުވިއެވެ. ނަމަވެސް މި ރިސޯޓު ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭ ހުޅުވައި ދެއްވާނެ ކަމަށް މިދިޔަ އޯގަސްޓް މަހު 22 ވަނަ ދުވަހު ހުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު އެންމެ ބޮޑު މަޝްރޫޢުއަކަށް ހިމަނާފައި އޮތީ އޭރު ރައީސް ޔާމީން ވެރިކަމުގައި ހައުސިންގް މިނިސްޓްރީން ނެގި ސިޓީ ސްކޮޔާގެ ބޮޑު ދިދަ ދަނޑި އަލުން ޖެހުމެވެ. އެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ އައްޑޫސިޓީ ކައުންސިލާއެވެ. އެ މަސައްކަތް ކައުންސިލުން ކުރީ 100 ދުވަސް ފަސްވި ފަހުން 2019 ވަނަ އަހަރު އެޕްރީލް މަހުއެވެ. ސިޓީ ސޮކޮޔާގެ މަސައްކަތް ނިންމައި ދިދަ ދަނޑީގައި ބޮޑު ދިދަ ނެގީ 2021 ވަނަ އަހަރު މޭއި މަހުގައެވެ.