Last Updated: November 28, 11:39
Thursday, November 28, 2024
ޚަބަރު

ފުލުހުންގެ އިދާރާ ހިންގުން މަންނާނަށް

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ރިޓަޔަކުރެއްވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާ ހިންގުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބުދުލް މަންނާނު ޔޫސުފާ ހަވާލުކޮށްފި އެވެ.

މަންނާނަށް ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަންކުރީ ނޮވެމްބަރު 19، 2018 ގަ އެވެ. އޭނަ އަކީ އޭގެ ކުރިން ފުލުހުންގެ ވަޒީފާ އިން ވަކި ވެސް ކުރި ބޭފުޅެކެވެ.

ޑެޕިއުޓީ ކޮމިޝަނަރު ޢަލީ ރަޝީދު ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ހަމީދު ރިޓަޔަ ކުރައްވާފައިވާތީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮމިޝަނަރެއް އައްޔަން ކުރެވެންދެން އިއްޔެ އިން ފެށިގެން ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މަންނާނުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މާދަމާ ސަރުކާރު ބަދަލުވާ އިރު، ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ވެސް ދީފައިވެ އެވެ. އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ޕްރޮމޯޝަން ދީފައި ވަނީ އުސޫލުގެ ތެރެއިން ކަމަށެވެ.