ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބޮޑުންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިނު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާފު ދެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ބާރެއްގެ ބޭނުން ނަހަމަ ގޮތުގައުި ބޭނުން ކުރުން ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޕާޓީން އެ މައްސަލާގައި ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އަދީބާއި ޒިޔަތަށް ރައީސް އިބްރާހީމް މުހައްމަދު ދެއްވާ މިނިވަން ކުރުމަކީ އިންތިހާއަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.
އެ ޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިންސާފު ހޯދުމާއި، ގެއްލިފައިވާ ފައިސާ ހޯދުމަކީ ރައީސް ސޯލިހުގެ 2018 ގެ ރިޔާސީ ވައުދެއް ކަމަށްވެފައ އެއިން ކަމެއް ކާމިޔާބު ނުވެ، ވެރިކަމުގެ ދައުރު ހަމަވާން ކުޑަތަންވެފައި ވަނިކޮށް ހުކުމް ތަންފީޒުކުރަމުން ދިޔަ ބަޔަކު ފަރާތްތައް މިނިވަން ކުރުމީ ރައީސް ސޯލިހުގެ ސަރުކާރުގެ ކިބައިގައި ދިވެހި ދައުލަތަށާއި ރައްޔިތުންގެ ހައްގުގައި ކުޑަވެސް އިހުތީރާމެއް ނެތް ކަމެއްކަން ހާމަކޮށް ދިން ކަމެއް ކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ރައީސް ސޯލިހުގެ އެ ނިންމެވުމަކީ ލިބިގެންވާ ގާނޫނީ އިހުތިޔާރުތަކާއި ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރެއްވުން ކަމަށާއި ވައްކަމާއި ހިޔާނާތުގެ ކުށް އެކަށީގެންވާ އަބަދެއް ނުލިބޭނޭކަން ސިޔާސީންނަށް އެ ނިންމުމުން ޔަގީން ވެސް ކޮށް ދީފައިވާ ކަމަށެވެ.
"އެއީ ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތުތަކާ ދިމާ އިދިކޮޅަށް އަޅުއްވާފައިވާ ފިޔަވަޅެއްކަމަށް މި ޕާޓީން ދެކެން." ޑިމޮކްރެޓްސް އިން ބުންޏެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ މުއްދަތު މުޅިން ވެސް ހޭދަކުރެއްވީ ނަމުން "ޒީރޯ ޓޮލަރަންސް" ގައި ވައްކަމާއި، ހިޔާނާތާއި ފަސާދައިގެ ތެރޭގަ އެވެ. އަދިދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތައް މެދުވެރިކޮށްގެން ވާގިވެރިންނާއި ގާތްތިމާގެ އާއިލީ ބޭބޭފުޅުންނާއި، އަމިއްލަފުޅު ޖީބަށް ބަރުކުރެއްވުމުގަ އެވެ. ހަމައެހެންމެ ރިޝްވަތާއި ވައްކަމުން ފައިސާ ހޯދައި ކެންޕޭނަށް ފައިސާ ރައީސް ހޭދަކުރެއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި މިކަންކަމަކީ އަދުލުވެރިކަމުގެ ސިފަތައް ދިވެހިގެ ދައުލަތުން ނައްތާލެއްވުމަށް ކުރެއްވި މަސައްކަތްތަކެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޑިމޮކްރެޓްސް އިން ތުހުމަތުކޮށްފައިވާ ގޮތުގައި އަދީބު މިނިވަން ކިރުމަކީ އޭނައާ މުއާމަލާތްކޮށް ދެވަނަ ދައުރެއް ހޯދެއްވުމުގެ ބޭނުމުގައި ހިންގެވި ޖަރީމާތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯދެއްވުމުގައި ޑީލެއް ދަށުން ކޮށްފައިވާ ކަމެކެވެ. އަދި އެކަމަށް ބާރުދޭ އަލިގަދަ ގަރީނާ ވެސް އެބަހުރި ކަމަށް ބުނެފައިވެ އެވެ.
ޑިމޮކްރެޓްސް އިން ވަނީ މިއަދު ވެރިކަމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ކިހާ މިންވަރެއް ވޭތޯ ބަލައި ދިނުމަށާއި، ރާއްޖޭގެ މަސްލަހަތުގެ މައްސަހަތުގެ މައްޗަށް ދެ މުޖުރިމަކަށް އެންމެ ލުއިގޮތް އިސްކުރުމުގައި ހިންފާފައިވާކަމަށް ތުހުމަތު ކުރެވޭ ނުފޫޒާއި ބާރާއި، ފައިސާ އާއި މަގާމުގެ މުއާމަލާތައް ތަހުގީގުކޮށް ފިޔަވަޅު އަޅައި ދޭން އެދޭ ކަމަށް ބުނެފަ އެވެ.