ސަރުކާރުގައި ވަޒީފާ އަދާކުރާ މައިންނަށް އެ މީހުންގެ ދަރިންނަށް ދެ އަހަރު ވަންދެން ވަޒީފާގެ ލުއި ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ދަރިމައިވުމުގެ ސަަބަބުން ކަނޑައެޅިފައިވާ ވަގުތުގައި މަސައްކަތް ކުރުމަށް ދަތިވާ މުވައްޒަފުންނަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަރިފުޅަށް ދެ އަހަރު ފުރުމާ ހަމައަށް، ވަޒީފާ އަދާކުރާ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު ނުވާނޭ ގޮތަކަށް ލުއި ދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ސީއެސްސީން ބުނީ އެ ލުއި ދޭން ވާނީ އެ އިދާރާއެއްގެ މަސައްކަތްތަކަށް ދަތިނުވާ ގޮތެއްގެ މަތިންނެވެ. އަދި މި ގޮތަށް ލުއި ދެވޭ ހާލަތުގައި މުވައްޒަފުގެ މުސާރަ އާއި އިނާޔަތުން އެއްވެސް މިންވަރެއް އުނި ނުވާނެ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.
ވިހެއުމާއި ގުޅިގެން ދެމުން އަންނަ މެޓާނިޓީ ލީވް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަ މަސް ދުވަހަށް އިތުރުކޮށް ދީފައިވެ އެވެ. އަދި ބައްޕައިންނަށް ދެމުން އަންނަ ޕެޓާނިޓީ ލީވް މަހަކަށް އިތުރުކޮށްފައިވެ އެވެ.