ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލްގެ ކައިވެނި ރޫޅިފައިވާ ކަމަށް ބުނެ އިންޑިއާގެ ބައެއް މިޑިއާތަކުން ފެތުރި ހަބަރާ ގުޅިގެން އޭނާ ރަތަށް އަރައި ނޫސްވެރިންނަށް ބަހުގެ ހަމަލާތަކެއް ދީފި އެވެ.
ކުރީގެ މޮޑެލްއެއް ކަމަށްވާ މެހެރް ޖެސިއާ ކައިވެނިކޮށް ދެ ކުދިން ވެސް ލިބިފައިވާ އުމުރުން 42 އަހަރުގެ އަރުޖުން ބުނީ ބައެއް ނޫސްވެރިން ލިޔާނެ އެއްޗެއް ނޭނގިގެން ހަދަހަދައިގެން މީހުންގެ ޒާތީ ދިރިއުޅުމާ ބެހެމުން އަންނަ ކަމަށެވެ.
އަދި އެފަދަ ލިއުންތައް ލިޔާ މީހުންނަކީ ހަމަ ހަގީގަތުގައި ވެސް ނޫސްވެރިންކަމާ ދޭތެރޭ ޝައްކު ކަމަށް ވެސް އަރުޖުން ބުންޏެވެ.
ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު ކުރި ޓްވީޓެއްގައި އަދި ބުނެފައި ވަނީ މިއަދުން ފެށިގެން އެއްވެސް ނޫސްވެރިއަކަށް އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭ ގޮތުން ދެން ދުވަހަކު ވެސް އިންޓަވިއުއެއް ނުދޭނެ ކަމަަށެވެ. އަދި ނުބެހޭ ކަންތައްތަކާ ނޫސްވެރިން ނުބެހުމަށް އެދި އަރުޖުން ވަނީ ނޫސްވެރިންނަށް އިންޒާރު ވެސް ދީފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަރުޖުން އާއި މެހެރްގެ ކައިވެނީގައި މައްސަލަތަކެއް ޖެހި، ކޯޓް މެދުވެރިކޮށް ވަރީގެ ކަންކަން ހަމަޖެއްސުމަށް މުމްބާއީގެ ބަންދްރާ ކޯޓަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 1998 ގަ އެވެ.
އެކަމަކު އެއީ އެއްވެސް ހަގީގަތެއް ނެތް "ފޭކް" ވާހަކަތަކެއް ކަމަށް ދާދި ފަހުން ނިކުތް "ރޯއި" ގައި މުހިއްމު ރޯލެއް އަދާ ކުރި އަރުޖުން ބުންޏެވެ.
މީގެ ކުރިން ވެސް އަރުޖުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، މީޑިއާތަކަށް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
އެ ފަހަރު މައްސަލަ ހޫނުވި ރިތިކް ރޯޝަން އާއި ސުޒޭންގެ ކައިވެނި ރޫޅުމުގެ ފަހަތުގައި އަރުޖުންގެ އަތެއްވާ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ.