ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަކާ ހަވާލުވެވައިގަތުމަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެންބަރުންތަކެއް އިސްތިއުފާ ދެއްވުމާ އެކީ އެ ކޯލިޝަންގައި މަޖިލިސް ތަމްސީލުކުރައްވާ މެންބަރުންގެ އަދަދުވެއްޖެ އެވެ.
ކުރިން ޖުމްލަ 10 މެންބަރުން ތިއްބެވި ނަމަވެސް ފަސް ބޭފުޅަކު ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމުން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދަކީ މިހާރު ފަހެކެވެ. އެ މެންބަރުންނަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މަޖިލިސް މެންބަރުކަމުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންނަކީ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފު (ސެމްބެ) އާއި ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއީ ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރެއްވި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ލޯކަލް ގަވަނަންސް މިނިސްޓަރަށް އައްޔތަންކުރެއްވި މަޑުއްވަރީ ދާއުރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
މީގެ އިތުރުން ޕީޕީއެމާ ކޯލިޝަން ހަދާފައިވާ އެންއެމްޕީ އަށް ނިސްބަތްވާ މެންބަރު މުހައްމަދު އުޝާމް އެޓާނީ ޖެނެރަލަކަށް އައްޔަންކުރުމާ އެކީ ވިލިމާލެ ދާއިރާގެ މަޖިލިސް ގޮނޑު ވެސް ވަނީ ހުސްވެފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ އެންމެ ފަހުން ވެރިކަން ކުރި އެމްޑީޕީ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު 20 ވަނަ މަޖިލީހަށް މެންބަރުން އިންތިހާބުކުރަން ހަމަޖެހިފައިވެ އެވެ. އިލެކްޝަން ކޮމިޝަން (އީސީ) އުން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި އެ އިންތިހާބު ބާއްވާ ތާރީހު އިއުލާން ކުރާނެ އެވެ.
އަންނަ އަހަރު މަޖިލީހަށް ޖުމްލަ 93 މެންބަރުން އިންތިހާބު ކުރާނެ އެވެ. މިހާރު މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. މިހާރު ހިނގަމުން އަންނަ މަޖިލީހުގެ 19 ވަނަ ދައުރުގެ މުއްދަތު އަންނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު ހަމަވާނެ އެވެ.