ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި އަންހެން ބޭފުޅުން އަދަދު މަދު ކަމަށް ބުނެ ސަރުކާރަށް ބައެއް ފަރާތްތަކުން ފާޑު ކިއުން އަމާޒުވެއްޖެއެވެ.
އީއްޔެ ރައީސް މުޢިއްޒުގެ ކެބިނެޓު އިއުލާން ހުވާ ކުރެއްވިއިރު ކެބިނެޓުގައި ޖުމްލަ 22 ވަޒީރު އެޓާނީ ޖެނެރަލް ހިމެނޭ ހެން ތިއްބެވިއެވެ. މިއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ވުރެ ގިނަ އަދަދެކެވެ. އެ ކެބިނެޓުގައި އެޓާނީ ޖެނެރަލް ހިމެނޭހެން ތިބީ 18 ވަޒީރުންނެވެ. ނަމަވެސް ކެބިނެޓު އެކުލަވައި ހުވާ ކުރުމުން އެންމެ ބޮޑު ތަފާތަކަށް ފެނިގެން ދިޔައީ ކެބިނެޓު މެންބަރުންގެ އަދަދެއް ނޫނެވެ. އެމްޑީޕީ ސަރުކާގެ ކެބިނެޓާއި އަޅައި ބަލައި ޕީޕީއެމް/ޕީއެންސީ ސަރުކާރުގެ ކެބިނެޓުގައި އަންހެން ބޭފުޅުން ނިސްބަތުން މަދު ކަމެވެ.
މިގޮތުން ކެބިނެޓުގެ މަޤާމުތަކުގައި އަންހެނުން ނިސްބަތައް ބަލާނަމަ، ޑރ. މުޢިއްޒުގެ ސަރުކާރުގައި ހިމެނެނީ 22 ވަޒީރުންގެ ތެރެއިން އަންހެން 3 ވަޒީރުންނެވެ. އެއީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. އައިޝަތު ރަމީލާއާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އަދި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އައިޝަތު ޝިހާމްއެވެ.
ކުރީގެ އެމްޑީޕީ ސަރުކާރުގައި ވަޒީރުންގެ މަޖިލީހުގެ 18 މެންބަރުންގެ ތެރޭގައި 6 އަންހެން ވަޒީރެއް ހިމެނެއެވެ. އެއީ ކަލްޗަރ މިނިސްޓަރ ޔުމްނާ މައުމޫން އާއި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ އަދި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އެވެ.
މިނިސްޓްރީތަކުގެ އަދަދު އިތުރުވިއަސް، ނިސްބަތުން ބަލާނަމަ، ކެބިނެޓުގައި ކުރީ ސަރުކާރުގައި 33 އިންސައްތަ ހިއްސާ ކުރެއްވީ އަންހެން ބޭފުޅުންނެވެ. ނަމަވެސް މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވީ ނިސްބަތުން 13 އިންސައްތަ އަންހެން ބޭފުޅުންނެވެ.
ކުރީގެ ވަޒީރުންނާއި އިދިކޮޅުގެ ފާޑުކިއުން
ފާއިތުވި 5 އަހަރު ކެބިނެޓްގައި އަންހެނުންނަށް %33 އާއި އެކު ލިބުނު ކުރިއެރުން %13 އަށް ވެއްޓި ގައުމުގެ އެންމެ މަތީ ފަޑީގައި ބަސް ބުނުމުގެ ފުރުސަތު އަނެއްކާވެސް އަންހެނުންނަށް ހަނިވެގެން ދިޔަކަން މިއީ އަންހެނުންގެ ކުރިއެރުމަށް ކުރަމުންއައި މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއް pic.twitter.com/PD53RiJc8B
— MDP Womens Wing (@MDPWomensWing) November 18, 2023
މިކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ފާޑު ކިިޔާފައެވެ. އެގޮތުން އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފައިވަނީ ފާއިތުވި ފަސް އަހަރު ޤައުމުގެ މަތީ ފަޑީގައި ބަސް ބުނުމަށް އަންހެނުން ހޯދާފައިވާ ކުރިއެރުމުން ވެއްޓިފައިވާ ކަމަށެވެ. އަދި މިއީ އަންހެނުންގެ ކުރިއެރުމަށް ފަހަތައް އެޅުނު ފިޔަވަޅެއް ކަމަށް ބުނިއެވެ.
މިކަމުގައި މިދިޔަ ސަރުކާގެ ސަޤާފަތާއި ބެހޭ މިނިސްޓަރ ޔުމްނާ މައުމޫން ވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން ސީދާ ޖެންޑަރ މިނިސްޓްރީއެއް މިހާރު ނެތުމާއި، އެންމެ 3 އަންހެން ބޭފުޅުން ތިބުމުން މިންތީގެ ހަމަހަމަކަމެއް ކެބިނެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުންގެ ހައްޤައް ވަކާލާތު ކުރުމަށް ރާއްޖޭގައި ގިނަ މަސައްކަތް ކޮށްދެއްވާފައިވާ އަދި ކުރީގެ ޖެންޑަރ މިނިސްޓަރކަންވެސް ކުރައްވާފައިވާ އަނީސާ އަހުމަދު ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މީގެ އިތުރުން ރައީސް އޮފީހުގެ އިސް މަޤާމުތަކަށް އައްޔަން ކުރެވުނު 18 ބޭފުޅުންގެ ތެރޭގައިވެސް އެންމެ އަންހެން ބޭފުޅެއް ހިމެނުނު ކަން ފާހަގަ ކުރެއްވިއެވެ.
The huge decline (from 34-14% approx) in the representation of women in the newly sworn-in Cabinet is very disappointing. So is the status of women among the chief executives at the President’s Office: 1 among 18. Hoped for better @presidencymv
— AneesaAhmed (@AneesaAhmed19) November 18, 2023
ރައީސް ވިދާޅުވީ މި ސަރުކާރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ބޮޑުވާނެ ކަމަށް!
ސަރުކާރު އެކުލަވާލުމުގެ މަރުހަލާގައިވެސް އިންތިޤާލީ ކޮމެޓީތަކުގައި އަންހެނުންގެ ހިއްސާ އެކަށީގެންވާ ވަރަށް ނެތް ކަމަށް ވާހަކަ ދެކެވުނެވެ. އެއީ އިންތިޤާލީ ކޮމެޓީގެ ޑިރެކްޓަރ ޖެނެރަލް މަޤާމު ހަވާލުކުރި ބައްދަލުވުމަށް ގޮސްފައި ތިބި ފަރާތްތަކަށް ބަލާފައެވެ. އެކަމަކު އިންތިހާބީ ރައީސްގެ އޮފީހުން އޭރު ވިދާޅުވީ، ކޮމެޓީތަކުގައި އަންހެނުން ހިއްސާ ބޮޑުވާނެ ކަމަށާއި ކޮމެޓީތަކުގެ މަސައްކަތުގައި ޤާބިލު އަންހެން ބޭފުޅުން ތިއްބެވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި https://t.co/ytQokpuncH pic.twitter.com/p4UZQQs2xe
— The President's Office (@presidencymv) November 17, 2023
ސަރުކާރާއި ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، އަލަށް އުފެދޭ ސަރުކާރަކީ އަންހެނުންގެ ބާރުވެރިކަމާއި ހިއްސާ ބޮޑު ސަރުކާރަކަށް ވެގެން ދާނެ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި ތިން ބޭފުޅުން ހިމެނޭނެ ކަމަށް އެރޭ ވިދާޅުވެ ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން މަދުވެގެން 8 ކުންފުނި ހިންގަވާނީ އެކަމަށް ޤާބިލު އަންހެން ބޭފުޅުން ކަމަށެވެ.
"ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރަކަށްވެސް މިފަހަރު ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. އަދި މިހާތަނަށް އަޅުގަނޑު ކޮންފަރމްކޮށްފައިވަނީ މަދުވެގެން 8 އެސްއޯއީގެ އެމްޑީގެ މަޤާމުގައި ތިއްބަވާނީ އަންހެން ބޭފުޅުންގެ ގޮތުގައި." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މި ސަރުކާރަށް މިކަމުގެ ފާޑުކިއުން އަމާޒުވި ނަމަވެސް، ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ކުރީ ސަރުކާރުގެ ކެބިނެޓުގައި އަންހެން ވަޒީރުން އިތުރުވި ނަމަވެސް، ހިންގުން ރަނގަޅު ނޫން ކަމަށެވެ. އަދި އެކަމުން ވަކި ހާސިލުވި ބޮޑު ކަމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.
ކޮންމެ ގޮތެއްވިއަސް މިފަހަރު ކެބިނެޓުގެ ޕާފޯމެންސްވެސް ވަޒަން ކުރާނީ ރައްޔިތުންނެވެ. ރައްޔިތުން ބޭނުންވަނީ ޚިދުމަތް ލިބި ވަޢުދުތައް ފުއްދޭ ސަރުކާރެކެވެ.