އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އޭނަ ހުށަހެޅި ބިލުގައި ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ގާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައިވެ އެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ފާހަގަކޮށްފައި ވނީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން ޝަހީދުވަމުންދާތީ، އިޒްރޭލުގެ އަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. އަދި ހަމަލާތަކުގައި ގާޒާގެ އަސާސީ ހިދުމަތްތައް ހުއްޓުވައި ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި، ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދީ ލާއިންސާނީ ޖަރީމާތައް ހިންގަމުންދާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
އެހެންވެ އިޒްރޭލުން އެ އަމަލުކޮށް ކުށްވެރިކޮށް، އެއްވެސް ގޮތަކުން އިޒްރޭލަށް އެހީއަކަށް ވެދާނެ އެންމެހާ ކަންކަން ހުއްޓުވުމަށްޓަކައި އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ވެސް ހިމެނޭ، އޯއައިސީ ގައުމުތަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ، ރާއްޖެއިން ވެސް ނަމޫނާ ދެއްކުމަށް، އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް އިސްލާހު ހުށަހެޅީ ކަމަށް މޮސްޓާ ވިދާޅުވި އެވެ.
އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވަން ގޮވާލައި މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ. އެ ގަރާރު ހުށަހެޅުއްވީ ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސައިނެވެ،