ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ޗެއަރ ކުރައްވާ ގޮތަށް ފަތުރުވެރިކަމަށް ހާއްސަ ކައުންސިލެއް މިއަދު އުފައްދަވައިފިއެވެ.
ވިޒިޓާސް އިކޮނޮމިކް ކައުންސިލަކީ މިއަދު ސަރުކާރުން އުފެއްދެވި 3 ކައުންސިލުގެ ތެރެއިން އެއް ކައުންސިލެވެ. ދެން އުފައްދަވާފައިވަނީ ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލް އެވެ. މި ތަނުން ސޯޝަލް ކައުންސިލް ޗެއަރ ކުރައްވާނީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ. އެކޮނޮމިކް ކައުންސިލް ޗެއަރ ކުރައްވާނީ، އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދުއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ޕޮލިސީ އަންޑަ ސެކެރެޓަރީ ފިރުޒުލް އަބްދުﷲ ޙަލީލް ވިދާޅުވީ ރައީސްގެ އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ފަތުރުވެރިކަން ކަމަށެވެ. އަދި ކައުންސިލުގެ މެންޑޭޓް ތެރޭގައި ހިމެނޭ އެއް ކަމަކީ ފަތުރުވެރިކަަމުގެ ދައިރާ ސިންދާފަތުކުރުން ނުވަތަ ޑައިވާސިފައި ކުރުން ކަމަށް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ފަތުރުވެރިކަން މިއަދު ބަރޯސާވެފައި މިއޮތީ ލެއިޝަރ ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ. ނަމަވެސް ސިއްޙީ ފަތުރުވެރިކަމާއި ތަޢުލީމީ ފަތުރުވެރިކަން ފަދަ އެކި ބާވަތްތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
" މިހާރުވެސް ރާއްޖޭގައި ބްރޭންޑެއްގެ ގޮތުގައި ކާމިޔާބުކަމާއިއެކު ކުރިއަށްދާ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އައު ހަރުފަތަކަށް ގެންގޮސް އެ ސިނާއަތް އިތުރަށް ފުޅާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް މި ކައުންސިލުން ފޯކަސް ކުރައްވަމުން ގެންދަވާނެ " ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މި ސަރުކާރުގައި އެންމެ އިސްކަމެއް ދޭނެ އެއް ދައިރާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ވެލާނާ އެއާޕޯޓު ޓާމިނަލް ނިންމައި ޚިދުމަތް އަންނަ އަހަރު ޕީކް ސީޒަނަށް ދޭން ތައްޔާރު ވަމުންދާ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.