އިޒްރޭލު ރައްޔިތުންނަށް ރާއްޖެ އައުން މަނާ ކުރުމާއި މެދު އަދި ވަކިގޮތެއް ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައި ނުވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް ހުވާކުރުމަށްފަހު ރައީސް އޮފީހުން މިއަދު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެފީހުގައި އަންޑަރ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް އަބްދުﷲ ޙަލީލް ވިދާޅުވީ މަޖިލީހުގެ ޙާރިޖީ ކޮމެޓީން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން ރައީސް އަދި ވަކޮގޮތެއް ނުނިންމާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޙާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ވަނީ އިޒްރޭލުގެ ފަތުރުވެރިން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހެދުމަށް ސަރުކާރަށް ލަފާ ދިނުމަށް ނިންމާފައެވެ.
މިކަމަށް އިޝާރަތް ކުރައްވާ ފިރުޒުލް ވިދާޅުވީ މިފަދަ ނިންމުންތަކުގައި އަބަދުވެސް ބާލާނީ ރާއްޖޭގެ މަސްލަހަތަށް ކަމަށެވެ.
" ކުރިންވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވާ ވާހަކަފުޅެއް، މިހެން ހުރި މައްސަލަތަކުގައި ގޮތް ނިންމަވާނީ ދިވެހިންގް އިސްލާމީ ޝަހުސީއްޔަތާއި ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވިސްނަވަގެން " ފިރުޒުލް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން މިމައްސަލާގައި ސަރުކާރުގެ ސްޓޭންޑު ވަރަށް ސާފު ކަމަށް ވިދާޅުވިއެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް މިހާރު ހިންގަމުން އެދަނީ ޤަތުލްޢާމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަން މިވަގުތުން ވަގުތައްވެސް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ދިވެހި ރައްޔިތުން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ މުސްލިމު އަޙުންނާއި އުޙްތުންނާއި އެކީގައި ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު އީއްޔެ ވަނީ ފަލަސްތީނުގެ ސަފީރާއިވެސް ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދިވެހިން އަބަދުވެސް މިގޮތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ސަފީރަށްވެސް ރައީސް ވަނީ އުރުވާފައެވެ.