ދެހާސް ފަންސަވީސް ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ޖެނުއަރީގައި ފެށުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފަށައިފި އެވެ.
އެގޮތުން މިއަދު އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި އެކަން ހިއްސާކުރައްވާފައިވެ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދިރާސީ އަހަރު ފެށުން މީގެ އަހަރުތަކެއް ކުރިން ވެސް ރާއްޖޭގައި އޮތް ގޮތަށް ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރަން ސަރުކާރުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފަ އެވެ.
ދިރާސީ އަހަރު ފެށުން ޖެނުއަރީ އަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމުން އެކަމުގެ ކަންބޮޑުވުންތައް ސްކޫލްތަކުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ މެދުގައި ވެސް ބޮޑެވެ. އަދި އޭގެ ސަބަބުން ސްކޫލް ބޮޑު ބަންދުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ.
އެކަމާ ގުޅިގެން ބައެއް ސްކޫލްތަކުގެ މެނޭޖްމަންޓުން ބުނެފައި ވަނީ ދިރާސާ އާ އަހަރު ފެށުން އޮގަސްޓަށް ބަދަލުކުރީ އެކަށީގެންވާ ދިރާސާއެއްގެ މައްޗަށް ވެސް ބިނާކޮށް ނޫން ކަމަށެވެ.