ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ހިޔާނާތް ހިންގި ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ރިބްރޭންޑްކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކުރީ އާ ސަރުކާރުން އެކުލަވައިލި ވިޒިޓާ އިކޮނޮމީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަވުމުގަ އެވެ.
އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން، ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަން،" ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ގެ ދަރިކަލުން ވިދާޅުވި އެވެ. "މިހާރު އެ ތަނަށް އެމްޑީން އެސައިން ކުރެވުނީމަ، އެ މަސައްކަތް ވެސް ފަށައިގަން ވަރަށް ބާރަށް ކުރިއަށް ގެންދާނަން."
ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރްސީ ރީބްރޭންޑު ކުރުމަށް ފަހު އެތަނުގެ މަސައްކަތްތައް ބައްޓަން ކުރާނީ މިހާރު ހުރި މާކެޓުތަކަށް އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި އާ މާކެޓުތައް ވެސް ހޯދައިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރަން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލެއް އެކުލަވައިލި ނަމަވެސް، އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރާނީ އެމްއެމްޕީއާރުސީން ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ކުންފުނީގެ ހިޔާނާތް 3.2 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ. މި ހިޔާނާތުގެ މުގުލުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތު ހިމެނެ އެވެ.
އެ ހިޔާނާތާ ގުޅިގެން އެ މީހުންނަށް އިއްވާފައިވާ ހުކުމުން އެ މީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް މި މަހުގެ ކުރީކޮޅު މާފު ދެއްވައި މިނިވަންކޮށްފަ އެވެ. އެއާ އެކީ އަދީބު ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ.