Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އޭއީއެޗްގެ ކެތު ލެބް ހިންގަން އޭޑީކޭއިން ޝައުގުވެރިވޭ

މިހާރު އިންސްޓޯލްކޮށް ނިމިފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބު ހިންގުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.

އޭޑީކޭއިން އޭއީއެޗްގެ ކެތު ލެބު ހިންގުމަށް ޝައުޤުވެރިކަން ފާޅުކޮށް މިހާރު އެކަން އޭއީއެޗްއަށް ވެސް އަންގާފައިވާ ކަމަށް "އައްޑޫލައިވް" އަށް ވަނީ ކަށަވަރު ވެފައެވެ. މިކަމާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އައްފާލް އާއި ސުވާލުކުރުމުން އޭނާ ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން އައްފާލް ވިދާޅުވީ، އޭޑީކޭ އަކީ މާލެ ސަރަހައްދުގައި މިހާރުވެސް މި ޚިދުމަތް ރަނގަޅު ފެންވަރެއްގައި ދެމުން އަންނަތާ ފަސް އަހަރު ވެފައިވާ ފަރާތެއް ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީވެސް މި މަސައްކަތް ކުރުމަށް ފުރިހަމަ ޤާބިލުކަން ހުރުމުގެ އިތުރަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ ދަށުން ދިވެހި ވިޔަފާރިތަކަށް ދެއްވާ އިސްކަމަށް ބަލައި އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން ކަމަށެވެ.

އަދި އޭޑީކޭއަށް އެ ފުރުސަތު ފަހިވެއްޖެ ނަމަ، ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ވީހާއަވަހަކަށް ފުރިހަމަ ކުރެވި މި ސަރަހައްދުގެ ރައްޔިތުންނަށް އެ ޚިދުމަތް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ޤާއިމް ކޮށްފައިވާ ކެތު ލެބް / ފޮޓޯ: އޭޑީކޭ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބް އިންސްޓޯލްކޮށް ނިމިފައިވަނީ މިމަހުގެ މެދެއްހާ ހިސާބުގައެވެ. ކެތު ލެބް އިންސްޓޮލޭޝަން މަސައްކަތް ނިމުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ ކުރީގެ ސީއީއޯ ޑރ. މުހައްމަދު ސޯލިޙް ވިދާޅުވީ މިމަސައްކަތް ކުރުމަށް އޭއީއެޗްގައި މިވަގުތު ޤާބިލުކަން ނެތުމުން މިތަން ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލައިގެން މަސައްކަތް ވަރަށް އަވަހަށް ފާށާނެ ކަމަށެވެ.

ޑރ. ސޯލިހު ވިދާޅުވި ގޮތުގައި ހޮސްޕިޓަލުގެ ކެތު ލެބު ހިންގުމަށް މިކަމަށް ތަމްރީނު ލިބިފައިވާ ތަޖުރިބާ ހުރި ޓީމެއް ބޭނުންވާ ކަމަށާއި މާލެ ސަރަހައްދުގައިވެސް މި ގޮތަށް ހުޅުވާ ސެންޓަރުތައް ހޮސްޕިޓަލުން ބޭރުން މެނޭޖް ކުރެވޭ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އަމާޒަކީ މި ޚިދުމަތް އައުޓްސޯސް ކުރުމުގެ އިތުރުން ކުރިއަށް އޮތް 5 ވަރަކަށް އަހަރު ތެރޭ ހޮސްޕިޓަލުން އަމިއްލައަށް ޚިދުމަތް ދެވޭ ވަރަށް ހޮސްޕިޓަލުގެ ޤާބިލުކަން އިތުރު ކުރުމެވެ.

އޭއީއެޗްގެ ކެތު ލެބުގެ މަސައްކަތް ނިމިފައިވާއިރު މިއީ މާލެ ސަރަހައްދުން ބޭރުގައި ކެތު ލެބެއްގެ ޚިދުމަތް ފެށޭނެ ފުރަތަމަ ހޮސްޕިޓަލެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދުން ބޭރުގައި ޤާއިމް ކުރެވުނު ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ވެސް މެއެވެ.