މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން މަސައްކަތް ކުރާ ކަމަށް ބުނެ، މި ސަރުކާރުގެ ހައުސިންގް މިނިސްޓަރަށް ރުހުން ނުދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ގޮވާލައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށި ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު މީކާއިލް ވިދާޅުވީ، ވެރިކަމަށް އައުމަށް ރައީސް ހެއްދެވީ ދޮގުކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. އެގޮތުން ވެރިކަމަށް އައުމުގެ ކުރިން ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ އެއްވެސް ބިމެއް އަދި ފްލެޓެއް އަތު ނުލާނެ ކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުގެ ރާގު ބަދަލު ވެފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މެންބަރު މީކާއިލް ވަނީ އިންތިހާބުގެ ފުރަތަމަ ބުރާއި ހަމައިން ވެރިކަމުގެ ދައުރު ނިމުނީ ކަމަށް މި ސަރުކާރުން ދެކޭތޯ ސުވާލު އުފައްދަވާފައެވެ.
މެންބަރު މިކާއިލް ވަނީ އީއްޔެ ހައުސިންގް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ ހައިދަރު ދައްކަވާފައިވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހައުސިންގް މިނިސްޓަރަށް ރުހުން ނުދޭން ވަނީ އެމްޑީޕީ ޕީޖީ ގްރޫޕަށް ގޮވާލައްވާފައެވެ.
" މި ހައުސިންގް މިނިސްޓަރަަށް ރުހުން ދިނުމަކަށް އަޅުގަނޑެއް{ވޯޓެއް} ނުދޭނެނަން. މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަން ފޭރިގަންނަން އެ ނިޔަތް ކަނޑައަޅައިގެން އެ ނިޔަތާއެކު ވަޑައިގެންނެވި ހައުސިންގް މިނިސްޓަރަށް ގަލޮޅު ދެކުނު ދައިރާގެ ވޯޓެއް ނުލިބޭނެ. އެމްޑީޕީގެ 3 ލައިން ވިޕް އެހެން އަޅުއްވަން ނަހައްދަވާތި " މެންބަރު މީކާއިލް ވިދާޅުވިއެވެ.
މެންބަރު މީކާއިލް މިހާރު މާލެގެ ރައްޔިތުންގެ ދިރިއުޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ފަހަނަޅާ ވާދޫ ކަނޑުން ބޭރުން ފުށިދިއްގަރު ފަޅު ހިއްކައިގެން މާލެ ރައްޔިތުން އެހިސާބަށް ފޮނުވާލަން މި ސަރުކާރުން އުޅޭ ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރުން މީގެ ކުރިންވެސް އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާ މަޝްރޫޢުތައް ހުއްޓުވާފައިވާކަން މެންބަރު މީކާއިލް ފާހަގަ ކުރެއްވިއެވެ. އަދި އެއަށްވެސް އަދި ކިރިޔާ މިދިޔަ ސަރުކާރުން ބަދަލު ދެވުނުކަން ފާހަގަކޮށް މިގޮތަށް ޢަމަލު ކުރާ މިނިސްޓަރަކަށް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުގެ ރުހުމެއް އަދި ގޮލޮޅު ދެކުނު ދާއިރާ އަދި މާލޭގެ ރައްޔިތުންގެ ރުހުމެއްވެސް ނެތް ކަމަށް ވިދާޅުވިއެވެ.