ރައީސް އޮފީހުގެ މަގާމުތަކަށް އައްޔަންކުރި މުވައްޒަފުން އެއްބައިވަންތަކަމާ އެކީ އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ނަމޫނާ ދައްކާ އޮފީހަކަށް ހައްދަވަން މަސައްކަތްކޮށް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހެނދުނު މުވައްޒަފުންނާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަވުމުގައި ރައީސް ވިދާޅުވީ ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސް ކަމަށެވެ. އެހެންވެ އެއީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭން ޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަން ޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރާ އޮފީހަށްވާތީ އެ އޮފީހުގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށް ރީތި މިސާލެއް ދައްކައިދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.