މިހާރުގެ ހައުސިންގް މިނިސްޓަރ ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށާއި އެމަނިކުފާނު ހުންނެވީ ޑރ. ހައިދަރު އާއި އެކުގައި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅި މެދު ދައިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ވަނީ ރައީސް ސޯލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައު ހައުސިންގް މިނިސްޓަރ އަށް އެމަނިކުފާނުގެ "އިންތިހާ އިތުބާރު" އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދެއްވުމަށް ރައީސް ސޯލިޙް މާލެ ފޮތިފޮތި ކޮށްލާފައި ބޭނުންފުޅުވި ބޭފުޅަކަށް ބަހާލި ކަމަށެވެ. އަދި ހައުސިންގް މިނިސްޓަރ އަސްލަމް އަދި ސްޓޭޓް މިނިސްޓަރ އަކްރަމް ޢަމަލު ކުރެއްވި ގޮތާއި މެދު ޝަކުވާ ނުއުފުލާ ރައްޔިތެއް މަދު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
" ހައިދަރު އެ ވިދާޅުވަނީ ރަނގަޅަށް. މިކަން ހިނގާފައި އޮތްގޮތް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ބަލަން ޖެހޭ" ނަޝީދު ވިދާޅުވިއެވެ.
ބަޖެޓުގެ ވާހަކައިގެން ކުރިއަށް ގެންދަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ދަރަނި ދައްކަން އިތުރު ދަރަނި ނަގަމުންދާ ދާކަމަށެވެ. އަދި މިހާރު މިދާގޮތަށް ދާނަމަ ޤައުމު ޑިފޯލްޓް ވެދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިދިޔަ 5 އަހަރުތެރޭ ސަރުކާރަށް ރަނގަޅު އަންދާޒާއެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
" މިއީ މާލީ ހިސާބު ބޭނުންކޮށްގެން އިކޮނޮމެޓްރިކްސްގެ ޢިލްމު ބޭނުންކޮށްގެން ހައްދަވާފައި ހުރި އަންދާޒާއެއް ނޫން. މިއީ ރަމަލު ބަލައި ފާލު ޖަހައިގެން ހާހޫރަ ހަދައިގެން ހޯދާފައި ހުރި އަދަދުތަކެއް " ނޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އީއްޔެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވި ކަންކަމަށް ބަލާއިރު ރާއްޖެ މިދަނީ ބަނގުރޫޓު ވަމުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ކުރީގެ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
" ޑރ. ހައިދަރަށް ނޫން ރުހުން ނުދޭންވީކީއެއް. އަޅުގަނޑުމެން ކުރީގެ ހައުސިންގް މިނިސްޓަރގެ މައްޗަށް ދައުވާ އުފުލާންވީ. އިއްޒައްތެރި ރައީސް މިއަދުގެ މާލީ ވަޒީރަކާއި ނޫން ވާހަކަ ދައްކަންވީ. އަޅުގަނޑުމެން ވާހަކަ ދައްކަންވީ މިދަތުރު އަޅުގަނޑުމެންނަށް ޖެއްސީ މާލީ ވަޒީރާ " ނަޝީދު ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓަރ ހައިދަރު މައްޗަށް ފުރިހަމަ އިތުބާރެއް އޮތް ކަމަށް ނަޝީދު ހާމަ ކުރައްވާފައިވާއިރު، އެމްޑީޕީ މެންބަރުން ދަނީ ހައިދަރަށް ރުހުން ނުދޭން ގޮވާލަމުންނެވެ. އެގޮތުން އެމްޑީޕީން އެގޮތަށް ނިންމުމައް ގޮލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގޮވާލައްވާފައެވެ.