Last Updated: November 30, 09:20
Saturday, November 30, 2024
ޚަބަރު

ޕީއެންސީ އަށް ވަކި އޮފީހެއް ހުޅުވަނީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ވަކި އޮފީހެއް ގާއިމުކޮށް، އެތަން ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މި އޮފީސް ހަދަނީ ކާނިވާ ސަރަހައްދުގައި ހުންނަ "ދޮންމަނިކު ސްކައިވޭ" ރެސްޓޯރަންޓުގެ ތިރީގަ އެވެ. އެތަނުގެ ބޭރުގައި ޕީއެންސީގެ ނަންބޯޑު ވެސް ވަނީ ހަރުކޮށްފަ އެވެ. މި ތަނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޕީޕީއެމް/ޕީއެންސީގެ "ދިވެހީންގެ ޖަގަހަ" ވެސް ހިންގި ތަނެވެ.

ޕީއެންސީން ވަކި އޮފީހެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ ޕާޓީ މިހާތަނަށް ހިންގަމުން އައި ޕީޕީއެމްގެ "ހިޔަނި" ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ޕީއެންސީ އަށް ވުރެ ބޮޑަށް، ސިޔާސީ ހަރަކާތް ނިސްބަތް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސަކަށް ހުންނެވި ޕީޕީއެމަށެވެ.

ނަމަވެސް މިހާރު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ހިސާބުން ޕީއެންސީގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން މިހާރު އެންމެ ބޮޑު އެއް އަމާޒަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް އިތުރު ކުރުމެވެ. އެކަމަށް މަސައްކަތް ކުރަމުން އަންނަ އިރު، ޕީއެންސީ އަށް ސޮއިކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.