މިފްކޯގެ ފްލީޓަށް މިއަހަރު އިތުރު ކުރި 4 ބޯޓުގެ ތެރެއިން ދެވަނަ ބޯޓު މާލެގައި ހޯމަ ދުވަހުގެ ރޭ ބަނދުރުކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ޖާޒީރާ 106 ބޯޓަކީ މިފްކޯގެ ފްލީޓަށް މިއަހަރު އިތުރު ކުރަން ގަނެފައިވާ 4 ބޯޓުގެ ތެރެއިން ދެވަނަ ބޯޓެވެ. މި ބޯޓު މާލެއަށް ބަނދަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 10:00 ޖެހިއިރު ކަމަށް މިފްކޯއިން ބުނެއެވެ. މި ބޯޓު ތައިލޭންޑުން ފުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މާލެ ބަނދަރު ކުރުމާއެކު ކްރޫއިން ބަދަލުކޮށް ލޯކަލައިޒޭޝަން މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ކަސްޓަމްސް ކްލިއަރެންސް ކަންކަންވެސް ކުރިއަށްދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މިފްކޯއިން ފްލީޓަށް އިތުރުކޮށްފައިވާ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ، ދުވާލަކަށް 60 ޓަނުގެ ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނުގެ މަސް ރައްކާކުުރުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓުތަކެކެވެ. މިއާއެކު މިއަހަރު ނިމުމުގެ ކުރިން ގެންނަ އިތުރު 2 ބޯޓު ލައިގެން ދުވާލެއްގެ މައްޗަށް 180 ޓަނުގެ މަސް ކިރޭނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މިއަހަރު ގަތް 4 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ ބަނދަރުކޮށްފައިވަނީ މިދިޔަ މާރިޗު މަހުއެވެ. މި ބޯޓު ބޭނުން ކުރަނީ ދެކުނުގެ މަސްވެރިކަމުގައެވެ. މި ހަތަރު ބޯޓު އެއްކޮށް ދުވާލެއްގެ މައްޗަށް 300 މެޓްރިކް ޓަން ބްރައިން ފްރީޒް ކުރުމުގެ ޤާބިލްކަން ލިބިގެންދާ ކަމަށް މިފްކޯއިން ބުނެއެވެ.
މި ބޯޓުތައް މަސްވެރިކަމާއި ގުޅުމުން މެދު ރާއްޖެ އަދި ދެކުނުގެ މަސްވެރިކަމުގެ ސީޒަނުގައި މަސްވެރިންނަށް ދިމާވާ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.