ޤައުމީއްޔަތު މަޝްރޫޢު ކުރިއަށް ގެންދަން 50 ދިރާސާ ވެރިން ހޯދާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ ފަރާތްތަކާއި މިވީ ދުވަސްތަކުގެ ތެރޭގައި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ-14 ޕްލޭންގެ ތެރެއިން އެ ވުޒާގެ ބެލުމުގެ ދަށުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް މިހާރު ފަށަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ހަފްތާ-14 އަށް ބަލާއިރު އެ ވުޒާރާއިން ފުރަތަމަ 4 ހަފްތާ ތެރޭގައި، ރާއްޖޭގެ ޤައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫޢުތައް އެކަށައަޅައި، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިބްތިދާޢީ މަސައްކަތް ފަށަން ޖެހެއެވެ. މިމަޝްރޫޢު ފެށުމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މަޝްރޫޢު އަށް ބޭނުންވާ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރަން ޖެހޭ ބައެއް ކަންކަން ވަޒީރު ފާހަގަ ކޮށްދެއްވިއެވެ.
" ޤައުމީއްޔަތު މަޝްރޫޢުއަށް ބޭނުންވާ 50 ދިރާސާ ވެރިން ހޯދުން. އެކަމާއި ގުޅުންހުރި ކަރުދާހީ މަސައްކަތް އެކުލަވާލައި މަސައްކަތް ފަށައިގަނެވޭތޯ މަސައްކަތް ފެށުން. ޤައުމީއްޔަތު މަޝްރޫޢުއާއި ގުޅޭގޮތުން އުފައްދާ ކޮލެޖު އުފެއްދުމަށް މަސައްކަތް ކުރުން. ދިރާސާ ކުރާ މަރުކަޒު އުފެއްދުމުގެ މަސައްކަތް ކުރުން " ވަޒީރު ކުރަން ޖެހޭ ކަންކަން ފާހަގަ ކޮށްދެއްވަމުން ވިދާޅުވިއެވެ.
ގިނަ ދިރާސާވެރިން ހޯދަންޖެހޭކަން މިނިސްޓަރ ފާހަގަ ކޮށްފައިވާއިރު، ތަރިކައާއި ބެހޭ ކޮލެޖެއް އަދި ދިރާސާ ކުރާ މަރުކަޒެއް ޤާއިމް ކުރުމަށް ޑރ. މުއިއްޒުގެ ހަފްތާ-14 ޕްލޭންގެ ތެރޭގައި މަސައްކަތް ފެށުމަށް ވަނީ ހިމެނިފައެވެ.
މީގެ އިތުރުން ތަޢުލީމީ ނިޒާމުގެ ތެރެއިން ޤައުމީއްޔަތާއި ތާރީޙާއި ސަޤާފަތް ދަރިވަރުންނަށް އުނގަންނައި ދިނުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް އަދަބީއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ފޮތެއް ތައްޔާރު ކުރެވި ޗާޕް ކުރުމާއި ހަމައަށް ގޮސްފައި އޮތް ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އެކަން އެއަށް ވުރެ ފުޅާކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ހަމައެކަނި ބަހުގެ ބަދަލުގައި ގިނަކަން ހިމެނޭ މާއްދާއެއް ކިޔަވައި ދޭން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.
ޤައުމީއްޔަތު ކުރިއެރުވުމަށް ވަކި ވުޒާރާއެއް މި ސަރުކާރުގައި ހަދާފައިވާއިރު، އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަމަކީ މިދިޔަ ސަރުކާރުގެ ތަރިކައާއި ބެހޭ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.