އަލުން އެކުލަވާލާ މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީސް ޗެއަރ ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިމާމް ޝެއިޙް މުހައްމަދު ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ޢަލީ ސައީދު ހާމަކުރައްވައިފިއެވެ.
ޝެއިޙް މުހައްމަދު ލަތީފް އިސްލާމީ މަރުކަޒުގެ އިމާމަކަށް އައްޔަން ކުރެވުނީ މިނިސްޓަރ ފެންވަރުގައެވެ. އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ އެންމެ ފަހުން މިނިސްޓަރ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމަކަށް ހުންނެވީ އަލްމަރުހޫމް އަހުމަދު ޝާތިރު ކަމަށެވެ. އޭގެ ފަހުން މިނިސްޓަރ ފެންވަރުގައި އެމަޤާމަށް އައްޔަން މިކުރެވުނީ ޝެއިޙް މުހައްމަދު ލަތީފް ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ކުރިންވެސް ޝެއިޙް ލަތީފް ހުންނެވީ އިސްލާމީ މަރުކަޒުގެ އިމާމުގެ ގޮތުގައެވެ. އެ މަޤާމުގެ ދަރަޖަ ޑެޕިއުޓީ މިނިސްޓަރ ފެންވަރަށް މަތިކޮށްފައިވަނީ ރައީސް ވަހީދުގެ ސަރުކާރުގައެވެ.
ޝެއިޙް ލަތީފް މިނިސްޓަރ ފެންވަރުގެ މަޤާމަށް އައްޔަން ކޮށްފައިވާއިރު، މިސްކިތްކާއި ބެހޭ ޤައުމީ މަޖިިލިސް ޗެއަރ ކުރައްވާނީ ޝެއިޙް ލަތީފްކަން މިނިސްޓަރ މިހާރު ވަނީ ހާމަކޮށްފައެވެ. މިމަޖިލިސް އަލުން އެކުލަވާލާއިރު، މި ސަރުކާރުން މިސްކިތްތަކަށް ދޭ އަހަމީއްޔަތުކަން ބޮޑުތަނުން އިތުރުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގޮތުން ރާއްޖޭގައި 1000 ވަރަކަށް މިސްކިތް ހުރިއިރު، މި މަޖިލީހަކީ މިސްކިތްތަކުގެ އިމާމުންނަށް އިސްތިޝާރީ ލަފާ ދޭ މަޖިލީހެކެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި މިސްކިތްތަކުގެ އާބާތުރަ ފިލުވައ،ި ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފަ އެވެ.
މީގެއިތުރުން އިސްލާމްދީނާއި ޤައުމިއްޔަތާއ،ި ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށް ޓަކައ،ި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތަކެއް ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިންގަން ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.